English Edition
Dhivehi Edition
ފޮޓޯ: ދަ ޕްރެސް

އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް މީހަކު ބޮޑުކަމުގޮސް، އެހެން މިސްކިތަކަށް ބަޔަކު ގެއްލުން ދީފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުކަމުގޮސްފައިވަނީ އައްޑޫސިޓީ ފޭދޫ އަވަށުގެ މިސްކިތަށެވެ. އެއީ މަސްޖިދުލް އަމާން މިސްކިތެވެ.. ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން މީޑިިއާ ތަކުގައި ބުނެފައިވަނީ ބޮޑުކަމުގޮސްފައި ހުރިތަން ފެނުނީ ފަތިސް ނަމާދަށް ދިޔަ އިމާމަށް ކަމަށެވެ. އަދި “މަސްޖިދުލް ނަސްރީ” އަށް ބަޔަކު ވަދެ ޚަތިމްތައް ބިންމައްޗަށް ވައްޓާލާފައި ހުރި ކަމަށް ވެސް ސަލްމާ އާ ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ 47 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައެއް ފެންމަތިވެފައި ވާއިރު، މާލޭގެ މިސްކިތްތަކަށް ކުޑަކަމުގޮސް އަދި އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ޚަތިމަކަށް ކުޅު ޖެހި މައްސަލައިގައި ވެސް ވަނީ މީގެ ކުރިން ހަސަން ޒިޔާދު ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު އެ މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމުދިއުމާ ގުޅިގެންނެވެ.

އެހެންނަމަވެސް އެ މައްސަލާގައި އޭރު އޭނާ ދޫކޮށްލުމަށްފަހު، ފުލުހުން ބުނީ ޒިޔާދަކީ ސިކުނޑިހަމަނުޖެހޭ މީހެއް ކަމަށެވެ. އެކަމަކު ޖެންޑަރ މިނިސްޓްރީން އޭނާގެ ސިކުނޑީގައި އުނިކަމެއް ނެތް ކަމަށް ބުނެފައި ވަނިކޮށް އޭނާ، އިބްރާހިމް މިސްކިތަކަށް ވަދެ ޚަތިމަކަށް ކުޅު ޖެހި މައްސަލައިގައި އަލުން ހައްޔަރު ކުރިފަހުން ދޫކޮށްފައެއްނުވެއެވެ. އިސްލާމީ މަރުކަޒަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދެ ދައުވާއެއް ޒިޔާދުގެ މައްޗަށް ކޮށްފައި ވެއެވެ. މި ދެ ދައުވާ އަށް ވެސް ޒިޔާދު ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެފަ އެވެ.