English Edition
Dhivehi Edition

އެމެރިކާގެ ހުޅަނގަށް ހަމަލާ ދެވޭނެ ވަރުގެ ދުރުރާސްތާ މިސައިލެއް ޓެސްޓް ކުރުމަށް އުތުރު ކޮރެއާއިން ތައްޔާރު ވަމުންދާ ކަމަށް ރަޝިއާގެ ގާނުނުހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރެއް ކަމަށްވާ އެންޓޮން މޮރޮޒާއި، މަޖިލީހުގެ އިތުރު ދެ މެންބަރަކު މި މަހުގެ 2 އިން 6 އަށް ޕްޔޮންގްޔެންގް އަށް ކުރެއްވި ދަތުރުފުޅަށްފަހު، އުތުރު ކޮރެއާއިން ދުރު ރާސްތާ މިސައިލް ޓެސްޓް ކުރަން އުޅޭކަމަށް މޮޒޮރޯވްއާ ހަވާލާދީ ރާޝިއާގެ އާރްއައިއޭ ނިއުސް އެޖެންސީން ވަނީ ރިޕޯޓް ކޮށްފައެވެ.

އާރްއައިއޭއިން މޮޒޮރޯވް އާއި ހަވާލާދީ ބުނެފައިވަނީ އުތުރު ކޮރެއާއިން ކައިރި މުސްތަޤްބަލެއްގައި ދުރު ރަސްތާ މިސައިލެއް އަނެއްކާވެސް ޓެސްޓު ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަދި އުތުރު ކޮރެއާގެ ވިސްނުން މިވަގުތު އެހާ ސުލްހަވެރި ގޮތަކަށް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން އެމެރިކާގެ ވޮޝިންޓަނުން ބުނެފައިވަނީ، އެފަދަ ނިޝާންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެމީހުން މި މަހުގެ ދިހަވަނަ ދުވަހު ނޫނީ އެދުވަހާ ކައިރިކޮށް އެ ފަދަ ޓެސްޓެއް ކޮށްފާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަކީ އުތުރު ކޮރެއާގެ ވެރިކަންކުރާ ޕާޓީ އުފެދުނު ދުވަހެވެ.

އާރްއައިއޭއިން ބުނާ ގޮތުގައި މޮޒޮރޯވް އާއި އޭނާގެ ޓީމުން ވަނީ ޕްޔޮންގްޔެންގްގައި އުތުރު ކޮރެއާގެ އިސް އޮފިޝަލުންނާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި މިކަން އުތުރު ކޮރެއާގެ ވެރިރަށް ޕްޔޮންގްޔެންގްގައި ހުންނަ ރަޝިއާ އެމްބަސީން ޔަގީން ކޮށްދޭ ކަމަށް އެފަރާތުން ބުނެއެވެ.

އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު މަސްރަހު މިދިޔަ ދުވަސް ތަކުގައި ވަނީ ހޫނުވެފައެވެ. އަދި ދެގައުމުގެ ވެރިންވެސް ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންނެވެ.

އ.ދ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ފާސް ކޮށްފައެވެ. މި ދެގައުމު ދެމެދުގައި މަސްރަހު ގޯސްވެފައިވާ ދުވަސް ވަރެއްގައި އުތުރު ކޮރެއާއިން ދަނީ އިތުރު މިސައިލް ޓެސްޓުތައް ކުރަމުންނެވެ.