އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމައަށް ތާވަލް ކޮށްފައިވަނިކޮށް އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލު އިސްތިއުފާ ދެއްވައިފި އެވެ. ޝަކީލް އިސްތިއުފާދެއްވިއިރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުން މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވެސް ފާސްކޮށްފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ، އޭސީސިގެ މެންބަރުކަމަށް ޝަކީލު އައްޔަންކުރައްވާފައި ވަނީ 25 އޮގަސްޓް 2019 ގައެވެ. މިއަދު ރައީސްއޮފީހަށް ޝަކީލު ފޮނުއްވި އިސްތިޢުފާގެ ސިޓީގައި ލިޔެފައިވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވަނީ މަޖިލީހުން އެކޮމިޝަންގެ މެންބަރުން ވަކި ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވެސް ވަނީ މީގެ ކުރިން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެދެބޭފުޅުން އިސްތިއުފާ ދެއްވުމުން މިހާރު ކޮމިޝަންގައި ބާކީ ތިއްބެވީ މަރިޔަމް ޝައުނާ އާއި ފާތިމަތު އަނޫލާ ގެ އިތުރުން ޢާއިޝަތު ޢަބްދުﷲ އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްވާކަމުގެ ޝަކުވާތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.