English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރާއްޖޭގެ އިސް ރަށްވެހިންނާ މިރޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މި ބައްދަލު ކުރެއްވުން އޮންނާނީ މިރޭ 8:30 ގައި ރަސްފަންނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރާއްޖޭގެ ހުރިހާ އިސް ރަށްވެހިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ދަޢުވަތު އަރުވައެވެ.

މިހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިއީ އިސް ރަށްވެހިންނާއެކު ރައީސް ޔާމީންގެ ދެކަނބަލުން އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރެއްވުމުގެ ގޮތުން ބާއްވާ ބައްދަލުކުރެއްވުމެއްކަމަށެވެ.

މިރޭގެ ހަރަކާތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މުލިއާގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ ރައީސްގެ ކޮންމެ ހަރަކާތެއްވެސް އިންތިޒާމުކުރަނީ އެމަނިކުފާނުގެ ޓީމުންކަމަށާއި، އޭގެ ތެރޭގައި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން މަޖިލިސް މެމްބަރުންވެސް ހިމެނިވަޑައިގަންނަވާކަމަށެވެ. އަދި މިއިންތިޒާމުތަކުގެ ތެރޭގައި ރައީސްގެ ދެކަނބަލުންވެސް ޢަމަލީގޮތުން ހަރަކާތްތެރިވާކަމަށް މުއާޒު ވިދާޅުވިއެވެ.
އަދި މުޖުތަމަޢުގެ އެންމެ މުހިންމު އެއް ބައެއްގެ ގޮތުގައި ރައީސް ޔާމީން ދެކިލައްވާ އިސްރަށްވެހިންގެ ކޮންމެ ހަރަކާތެއްގައި އެމަނިކުފާނުގެ ކެމްޕެއިން ޓީމުންވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭކަމަށް މުއާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއާޒް ވިދާޅުވީ މިރޭގެ ބައްދަލުވުމަކީ ވަކި ބަޔަކަށް ބާއްވާ ބައްދަލުކުރެއްވުމެއް ނޫންކަމަށާއި، ވަޑައިގެންނެވޭ ކޮންމެ އިސްރަށްވެއްސަކަށްވެސް މިހަފްލާއަށް ވަޑައިގެންނެވޭނެކަމަށެވެ. ވަކި ސިޔާސީ ފިކުރަކަށް ނުބައްލަވާ މިފަދަ އިޖުތިމާޢީ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މުޢާޒު އެދިވަޑައިގެންނެވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އިސްރަށްވެހިންނާއެކު ހާއްސަ ވަގުތުކޮޅެއް ހޭދަކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.