English Edition
Dhivehi Edition

މިސް ޔުނިވަރސް ގެ މަގާމް ހާސިލް ކުރި އިންޑިއާގެ އެކްޓްރެސް، އުމުރުން 21 އަހަރުގެ ހަރްނާސް ސަންދޫ ހޯދި ކާމިޔާބީ އަށް ތައުރީފް ކުރުމުގެ ބަދަލުގައި ސްޓޭޖްމަތީގައި ހުރެ ޖަނަވާރެއްގެ އަޑުން އަޑުލައްވައި ދިނުމަށް އިވެންޓްގެ ހޮސްޓް ސްޓީވް ހާރވީ ކުރި ސުވާލު ހޫނު ވެއްޖެއެވެ.

މިސް ޔުނިވަރސް ގެ ކިބައިން ހޮސްޓް، ސްޓީވް އެދިފައިވަނީ ޖަނަވާރުގެ އަޑުން ވާހަކަ ދައްކަން ވަރަށް މޮޅު ކަމަށް އިވިފައިވާ ކަމަށާއި އަދި އެގޮތަށް އަޑުލައްވައި ދިނުމަށެވެ.

އެސުވާލާއެކު މިސްޔުނިވަރސް ބުނެފައިވަނީ އެސުވާލަކީ ސްޓޭޖްގައި ހުއްޓާ ކޮށްފާނެ ކަމަށް އުއްމީދު ކުރި ސުވާލެއް ނޫން ކަމަށާއި އެފަދަ ސުވާލެއް ކުރުމުން ވަރަށް ހައިރާން ވެއްޖެ ކަމަށެވެ. އެހެންނަމަވެސް ސުވާލު ކުރުމުން އެގޮތަށް ކަންތައް ކުރުން ނޫން އިތުރު އެހެން ގޮތެއް ނެތް ކަމަށް ހަރްނާސް ވަނީ ބުނެފައެވެ.

އަދި ސަންދޫ ވަނީ އޭނާ ބުޅާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ ބުޅަލެއްގެ ގޮތަށް އަތުން ހަރަކާތް ކޮށް ބުޅާ އަޑު ލައްވާގޮތަށް އަޑުލައްވާފައެވެ. އަދި ޖަނަވާރެއްގެ އަޑުން އަޑު ލެއްވުމަށް ފަހު ހަރްނާސް ބުނީ އެމީހެއްގެ ހޮބީއާއި ގުޅޭ މިފަދަ ސުވާލު އެކަހަލަ ޕްލެޓްފޯމެއްގައި ނުކުރުމަށާއި އެއީ އެމީހެއްގެ ކެރިއަރަށް ހުރަސް އެޅިދާނެ ފަދަ އަމަލެއް ކަމަށެވެ.

ގިނަ ބަޔަކު ބުނެފައިވަނީ މިއީ އަންހެނަކަށް ވީތީ ކުރި ފުރައްސާރައާއި އަދި ޖިންސީގެ ތަފާތުކުރުން ގެންގުޅޭ ހޮސްޓްގެ އެ ސުވާލަށް ސަންދޫ ޖަވާބުދޭން ނުޖެހޭ ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ކުރި މަލާމާތެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޖުމްލަ 80 ގައުމެއްގެ ބައިވެރިން ވާދަކުރި މިއަހަރުގެ މިސް ޔުނިވާސްގެ މަގާމު ސަންދޫ ކާމިޔާބު ކުރިއިރު ފުރަތަމަ ރަނަރ އަޕްގެ މަގާމު ހާސިލުކުރީ ޕެރެގުއާއީގެ ނާދިއާ ފެރިއޭރާއެވެ. ދެވަނަ ރަނަރ އަޕްގެ މަގާމު ކާމިޔާބު ކުރީ ސައުތު އެފްރިކާގެ ލަލޭލާއެވެ.

މިސްޔުނިވާސްގެ ތާޖު ސަންދޫގެ ބޮލުގައި އަޅުވައިދީފައި ވަނީ މިދިޔަ އަހަރު އޮތް މިސް ޔުނިވާސްގެ 70 ވަނަ އެޑިޝަނުގައި މިސް ޔުނިވާސްއަށް ހޮވުނު އިސްރާއީލުގެ އަންޑްރެއާ މީޒާއެވެ.