English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2003 ވަނަ އަހަރު ހުޅުވި ފުވައްމުލައް ސިޓީގެ ބަނދަރުގެ މެއިން ކޮންޓްރެކްޓަރ ޑެންމާކްގެ އެމްޓީ ހޯގާޑާއެވެ.

އިއްޔެ ފުވައްމުލައް ސިޓީގެ ހާފިޒު އަހްމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރ މުހައްމަދު އަސްލަމް އާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރު، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިނޭޝަނަލް ޑރ.ހާލާ ހަމީދު، ފުވައްމުލަކުގެ މަޖިލިސް މެމްބަރުން އަދި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ޙަމީދުއެވެ. އަދި އެމް.ޓީ.ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޕެއަރ ވިންތަރ ލާސަންއެވެ.
މި މަޝްރޫޢަކީ އިންވެސްޓް އިންޓަރނޭޝަނަލް-ނެދަރލެންޑްސްގެ ގްރާންޓް އެހީއާއި، ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނު އެހީ އަދި ދަޢުލަތުގެ ބަޖެޓުން ޙަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
300 މިލިއިން ރުފިޔާގެ މި މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 606 ދުވަހުގެ ތެރޭގަ އެވެ.