English Edition
Dhivehi Edition

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ސޮސައިޓީ ފޯ ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިންތިޒާމްކޮށްގެން ފިޔޯރީގައި މަސްރޭހެއް ބާއްވައިފިއެވެ.

10 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ހަވީރު 3:00 އިން ރޭގަނޑު 9:45 އަށް ކުރިޔަށްދިޔަ މި މަސްރޭހުގައި ޖުމްލަ 6 ޓީމް ބައިވެރިވެ 22 ބައިވެރިން މަސްރޭހުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

ފިޔޯރީ ކައުންސިލުން ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދިޔަ މި މަސްރޭހުން އެއްވަނަ ހޯދާ ޓީމަކަށް 3،000 ރުފިޔާ، ދެވަނަ ހޯދާ ޓީމަކަށް 1،500 ރުފިޔާ، ތިންވަނަ ހޯދާ ޓީމަކަށް 1،000 ރުފިޔާ އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް މަސްރޭސް އިންތިޒާމްކުރި ސްފައިސް ޖަމިއްޔާއިން ވަނީ ހުށަހަޅާފައެވެ.

މި މަސްރޭހުގެ އެއްވަނަ ހޯދާފައިވަނީ 42 ކިލޯގެ މަސް ބާނައިގެން ފިޔޯރީ އައިސްޕްލާންޓްގެ ޓީމެވެ. އަދި ބަރުދަނުގައި 13 ކިލޯ ހުރި ކަންނެއްޔެއް ބާނައިގެން އެންމެ ބަރު މަސް ބޭނުމުގެ އިނާމުވެސް ހާޞިލުކުރީ ފިޔޯރީ އައިސްޕްލާންޓްގެ ޓީމެވެ. 38 ކިލޯގެ މަސް ބާނައިގެން މަސް ރޭހުގެ ދެވަނަ ހޯދީ ޓީމް ބޮންޑް އެވެ. އަދި 27 ކިލޯގެ މަސް ބާނައިގެން ތިންވަނަ ހޯދީ ޓީމް ދުންކޯމަސް އެވެ.

ވިއްސާރަ ވުމުގެ ސަބަބުން މަސްރޭހުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ސްފައިސް ޖަމިއްޔާއާއި މަސްރޭހުގައި ބައިވެރިވި ޓީމުތަކާއި ގުޅިގެން އާންމުންނަށް ހުޅުވާލައިގެން ފިޔޯރީ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބާބަކިއުގެ ތެރެއިންނެވެ. ފިޔޯރީ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ބާބަކިއުގެ ތެރެއިން ވަނަތައް ހާސިލުކުރި ޓީމުތަކަށް ވަނީ ހަނދާނީ ޗެކާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

އިނާމުދިނުމުގެ ރަސްމިއްޔާތުގައި ސްފައިސް ޖަމްއިއްޔާއިން ވަނީ އަންނަ އަހަރު، މިއަށްވުރެ ފެންވަރު ރަނގަޅުކޮށް މަސްރޭހެއް ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބާއްވާނެކަން އިއުލާންކޮށްފައެވެ. އަދި މުޅިން އަލަށް ކުޑަ ކުދިންނަށް ހުޅުވާލައިގެން މަސްރޭހެއް ބާއްވާނެކަން ވެސް އެ ޖަމްއިއްޔާއިން ވަނީ ރޭ އިއުލާންކޮށްފައެވެ.

މި މަސްރޭސް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމަށް މެއިން ސްޕޮންސަރ ކޮށްދެއްވާފައިވާތީ ފިޔޯރީ ކައުންސިލަށާއި، އަދި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ސްފައިސް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރ، ފިޔޯރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ސިސްޕިން ފިހާރަ، ހަސަންދި އިންވެސްޓްމަންޓް އަދި މަސްރޭހުގެ ފޮޓޯ ނަގައިދިން ޒުވާން އަރަމުން އަންނަ ފޮޓޯގްރާފަރ ނަލަ ފޮޓޯ އެމް.ވީ އަށާއި، މަސްރޭހުގެ އޮފިޝަލްކަން ކޮށްދެއްވި އޮފިޝަލުންނަށް ޖަމްއިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ސްފައިސް ޖަމްއިއްޔާއަކީ މިއަހަރުގެ ފެބްރުއަރީ މަހު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ރެޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމްއިއްޔާ އުފެދުނު ފަހުން މިއަހަރު ތެރޭ ވަނީ އައި.އޭ.ސީ އާއި ގުޅިގެން ފަންޑް ރައިޒިންގ ޕުރޮގްރާމަކާއި، ސްކޫލް ނިންމާ ކުދިންނަށް އަމާޒުކޮށްގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ބެލެނިވެރިނަށް ހާއްސަކޮށްގެން ދީނީ ދަރުހެއް ބޭއްވުމާއި، ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ޕްލާސްޓިކް މަދު ކުރުމާއި އެކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގަރާމަކާއި، ދެ އުމުރުފުރާގެ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން 1 މަސް ދުވަހުގެ މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.