English Edition
Dhivehi Edition
ފޮޓޯ: ވަން ފުވައްމުލައް ފޭސްބުކް ޕޭޖް

ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ނާޒުކު ތިމާވެއްޓެއް އޮންނަ، ފުވައްމުލައް ސިޓީ ގެ ރައްޔިތުން ޒަމާނުއްސުރެން އެންމެ ކަންބޮޑުވާ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައެވެ. ހާއްސަކޮށް ރަށްގިރުމުގެ މައްސަލައެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުން ތިބީ ،ބަނދަރަކަށް އެދިއެދި ތިބި ފަދައިން، ރަށް ގިރުމުގެ މައްސަލަވެސް ހައްލުވުމަށް އެދިއެދިއެވެ. “އަފުންގެ ރަށޮ ގެރީ ގެރީ ހުސްވަނީ…!” މި އަޑަކީ ފުވައްމުލައް ސިޓީގެ ކުދިބޮޑު ރައްޔިތުންގެ ފަރާތުން އަބަދުވެސް އިވެމުން ދިޔަ ހިތްދަތި އަޑެކެވެ. ދޫމަތީގައި ތަކުރާރުވަމުންދާ ލަފުޒެވެ. ބަލަބަލާ ތިއްބާ ރަށުގެ ބޮޑު ބައެއް ގިރި ހުސްވެއްޖެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގައި އާދޭސް ދަންނަވާތާ އެތެއް ޒަމާނެއް ވެއްޖެއެވެ. އެހެންނަމަވެސް ‘ވަރަށް އަވަހަށް މި މައްސަލަ ހައްލުވެގެންދާނެ’ ކަމަށް ބުނުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ. ރައްޔިތުން އުއްމީދުތައް ފަނޑުވެ،މާޔޫސްވެފައި ވަނިކޮށް އަނެއްކާވެސް މި އޮތީ އެ އުއްމީދުގެ ހުޅުކޮޅު ދިއްލިފައެވެ.

މިއަދަކީ ހާގީގަތުގައިވެސް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އުއްމީދުން ފުރިގެންވާ އުފާވެރި ދުވަހެކެވެ. ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއު ފުވައްމުލައް ސިޓީގައި އިފްތިތާހުކޮށް އެގްރިމެންޓްގައި ސޮއިކުރެވޭ ދުވަހެވެ. ނެދަލެންޑްސްގެ އެއިޑް އެޖެންސީ (އޯރިއޯ) އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތު މިއަދު ހަވީރު ދޫނޑިގަމު އަވަށު ގިރާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ނެދަލެންޑްސްގެ އެއިޑް އެޖެންސީ (އޯރިއޯ) އާއި ދިވެހި ސަރުކާރާއެކު ސޮއިކޮށްފައިވަނީ ނޮވެމްބަރު 28، 2017ގައެވެ. ނެދަލެންޑްސްގެ އެއިޑް އެޖެންސީ (އޯރިއޯ) އިން މި މަޝްރޫއަށް 10.7 މިލިއަން ޑޮލަރުގެ އެހީ ވަނީ ދީފައެވެ. އަދި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ވަނީ ދީފައެވެ. މި ލޯނު ދީފައިވަނީ 1.5 ޕަސެންޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށެވެ.

މި މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއުކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 2003 ވަނަ އަހަރު ހުޅުވި ފުވައްމުލައް ސިޓީގެ ބަނދަރުގެ މެއިން ކޮންޓްރެކްޓަރ ޑެންމާކްގެ އެމްޓީ ހޯގާޑާއެވެ. 300 މިލިއިން ރުފިޔާގެ މި މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 606 ދުވަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތު 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން އެއްގަމު ތޮށިލާން ހަމަޖެހިފައިވެއެވެ.

މިއަދު މި އިފްތިތާހުކުރެވިގެންދާ މަޝްރޫއުއާއި އެކު “އަފުން ގެ ރަށޮ ގެރީގެރީ ހުސްވެނީ” ކަމަށް ބުނެ އަސަރާއެކު ރައްޔިތުން އެކުރާ ޝަކުވާ އަށް ނިމުމެއް އައުމަކީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ. ވަގުތު ފާއިތުވުމުގެ ކުރިން ބާރު ސްޕީޑެއްގައި މަޑުޖެހުމެއް ނެތި މި މަސައްކަތް އަވަހަށް ނިމިގެން ދިއުމަކީ އެ ރަށު ރައްޔިތުންގެ އެދުމެވެ.އެ ރަށު ރައްޔިތުން ތބީ މިފަހަރުގެ މި މަންޒަރު ކުލަވެ، އެ ރަށުގެ ރައްޔިތުންނާއި ރަށުގެ ތިމާވެށި ހިމާޔަތްވެގެންދާނެކަމުގެ ފޮނި ހުވަފެނުގައެވެ. މިއަދު ފެށިގެން މިދާ މަޝްރޫއަކީ ފުވައްމުލައް ސިޓީގެ މުސްތަގުބަލަށް އެޅިގެންދާ ރަނގަޅު ބިންގަލެކެވެ.