މީދޫ ޒުވާނުން އިސްނަގައިގެން ހިންގާ ޖަމިއްޔާ އެއް ކަމަށްވާ ނަލަފެހި ޖަމްމިއްޔާ އިން އިއްޔެ ހަވީރު ގަނޑޮވަރިފަންނުގައި އެކުވެރިކަމުގެ ސައެއް ބާއްވައިފިއެވެ.
ސައިޕާޓީގައި ޖަމިއްޔާގެ އިސްވެރިންގެ އިތުރުން ވަރަށް ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ނަލަފެހި ޖަމިއްޔާގެ އިސްވެރިޔާ މުޙައްމަދު ކާމިލް ، އޭއޯނިއުސް އަށް މައުލޫމަތުދެއްވަމުން ވިދާޅުވީ، މިސަޔަކީ ޖަމިއްޔާއަށް ހެޔޮއެދޭ ފަރާތް ތަކުގެމެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަގުޞަދުގައި ބޭއްވި އެއްވުމެއް ކަމަށެވެ.
ނަލަފެހި ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ ރަށުގައި ސިޔާސީ ދެ ޕާޓީ ގެ ކޯޅުން ބޮޑުވެ ރަށަށްތަރައްގީގެ ކުލަވަރު ރަށުން ނުފެންނާތީ އެންމެން ސިޔާސީ ކޯޅުމުން ދުރުކޮށް ދެފިކުރުގެ މީހުން ގުޅިގެން ރަށަށްވެސް ފައިދާ ހުރި ކަނަތައްތައް ކޮށް ރަށް ތަރައްޤީ ކުރުންކަމަށް ކާމިލް ވިދާޅުވިއެވެ.
” މީގެ އިތުރުން މި ޖަމިއްޔާ އިން މިހާރު ވަރަށް ގިނަ އެހެނިހެން ކަންތައް ތައް ރަށުގެ ތަރައްޤީއަށް ކުރުމަށް ތައްޔާރު ވަމުން މިދަނީ. މިހާރު ހެދިފައިފާ ފިނި މައިޒާން ތަކުގެ އިތުރަށް އަދިވެސް އިތުރު މައިޒާންތައް ހެދުމަށް މިވަނީ ނިންމާފައި. މިވަގުތު ފައިސާގެ ދަތިތަކެއް އުޅޭތީ އެކަންތައް ލަސްވަނީ” ކާމިލް ވިދާޅުވިއެވެ.
މިއަދު ( 07 އޮކްޓޯބަރ، ހޮނިހިރު) ހަވީރު ކޯގަންނު ސަރަހައްދުގައި ވެސް ގަސްއިންދުމުގެ ޕްރޮގްރާމެއް އޮންނާނެކަން ފާހަގަ ކޮށް މިޕްރޮގްރާމް ގައި ވީހާވެސް ގިނަބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ޖަމިއްޔާއިން ވަނީ އެދިފައެވެ.
ރަށުގެ ފަޅުތެރޭ ގައި މަރުވެފައިވާ މުރަކަތައް އާލާކުރުމަށް ވެސް އެޖަމިއްޔާއިން ވިސްނަމުން ދާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ފަޅުތެރެޔަށް ފީނާ ބަލާލި އިރު ވަރަށް ބޮޑުސަރަހައްދެއްގެ މުރަކަ ތައް މަރުވެ ނެތިގެން ގޮސްފައިވާ ކަމަށް އެފަރާތުން ފާހަގަ ކުރެއްވިއެވެ. މުރަކަ އާލާ ކޮށް ދިރުވާ ހެދުމަށް ރަށުގެ ތަޖްރިބާ ކާރު ބޭފުޅުން ނާއި ޒުވާނުން ގެ ހިއްވަރު މިކަމަށް ލިބެމުންދާ ކަންވެސް ކާމިލް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.
ނަލަފެހި ޖަމްއިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ ގައި ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުން ދާއިރު ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން މިކަމުގައި ލިބުމަކީ މިޖަމިއްޔާ އުފެއްދި ފަރާތް ތަކަށް ލިބުނު ހިއްވަރެއް ކަމަށް ޖަމިއްޔާގެ އިސްވެރިން ފާހަގަ ކުރެއްވިއެވެ.
ނަލަފެހި ޖަމިއްޔާ އިން ވަނީ މިހާތަނަށް ރަށް ސާފްތާހިރުކޮށް ބެހެޓުމަށް ސްކޫލް ތަކާއި، އާންމު ރައްޔިތުން އަދި ނަލަފެހީގެ އިސްވެރިން ބައިވެރިވެގެން ވަރަށް ގިނަ ޕްރޮގްރާމް ތައް ކުރިޔަށް ގެންގޮސްފައެވެ.