English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާގެ އަށް ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޔޫރަޕާ ކޮންފަރެންސް ލީގުގައި ރެނިސް އާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ބުނީ ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރޭނިސްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހެދި ޕީސީއާރް ޓެސްޓުތަކުން ޓޮޓެންހަމްގެ ޖުމްލަ އަށް ކުޅުންތެރިންނާއި ފަސް މުވައްޒަފުން ކޮވިޑަށް ފައްސިވެފައިވާކަމަށެވެ. އަދި އެއާއެކު ރެނިސްއާއި ދެކޮޅަށް ޓޮޓެންހަމް ކުޅެން އޮތް މެޗު ފަސްކޮށް ދިނުމަށް ޓޮޓެންހަމުން އެދުނު ކަމަށާއި އެހެން ނަމަވެސް، ތާވަލާ އެއްގޮތަށް އެ މެޗު ކުރިއަށްދާނެ ކަމަށް ޔޫއެފާއިން ބުނެފައިވާ ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމްގެ އަށް ކުޅުންތެރިންނާއި ސްޓާފުންގެ ތެރެއިން ފަސް މީހަކު ކޮވިޑަށް ފައްސިވެފައި ވާކަން ކޮންޓޭ ހާމަކުރި ނަމަވެސް އެ ކުޅުންތެރިންގެ ނަންތައް ކޮންޓޭ ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ކުރިއަށް އޮތީ މުހިންމު މެޗުތަކެއް ކަމުގައި ވުމުން މި އަށް ކުޅުންތެރިން ފައްސިވެ އެ މެޗުތަކުގައި ނުކުޅެވޭ ގޮތް ވުމަކީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކުރިޔަށް ހުރި މެޗުތަކަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށާއި ނަމަވެސް ގޮންޖެހުން ތަކާއެކުވެސް ކުރިޔަށް އޮތް މެޗުތަކަށް އެކުލަބުން ވީ އެންމެ ރަނގަޅަކަށް ތައްޔާތުވަމުން އަންނަކަމަށް ވެސް ކޮންޓޭ ބުންޏެވެ.

ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރެނިސް އާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، އެ މެޗަށް ފަހު ގާތްގާތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން ތިން މެޗެއް ކުޅޭނެ އެވެ. އެއީ ރަށުން ބޭރުގައި ބްރައިޓަން އާއި ލެސްޓާ ސިޓީއާއި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗެވެ.

ޔޫއެފާ އިން ކޮވިޑުގެ ހާލަތުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން މެޗެއް ފަސްކުރާނީ ގޯލް ކީޕަރު ހިމެނޭހެން 13 ކުޅުންތެރިއަކު އެއް ޓީމަކުން ކޮވިޑަށް ފައްސި ވެއްޖެ ނަމައެވެ. އިނިގރޭސި ޕްރިމިއަރ ލީގުންވެސް އަމަލުކުރަމުން އަންނަނީ ޔޫއެފާގެ މި އުސޫލާއި އެއްގޮތަކަށެވެ.