ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އިން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެއް ފަހަރު ފިލައިގެން ރާއްޖެ ދޫކޮށް ވަޑައިގެންފައިވަތީ އެ ފުރުސަތު ރައީސް ޔާމީނަށްވެސް އޮންނާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ, އެކަން ކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ހުރުމުންކަން ފާހަގަކޮށް، ޕީޖީގެ ވަކީލު ވިދާޅުވީ އެ މަނިކުފާނު ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިިފައިވާކަމަށެވެ.އަދި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމުގެ ހެކި ލިބިފައިވާކަމަށްވެސް ޕީޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ އުފުލިފައިވާ އަދީބު ފިލައިގެން ދިއުން އެއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައީސް ޔާމީން ފިލައިގެން ހިނގައިދާނެ ސަބަބެއްކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.