English Edition
Dhivehi Edition

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ދަތުރުކުރަނީ ސްރީލަންކަން އެއާލައިން އެކަނި ކަމަށާއި އިތުރު ފްލައިޓްތައް ގަމަށް ގެންދިއުމަށް މަސައްކަތް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން، ވަޒީރު ޠާރިޤް ވިދާޅުވީ، މި ފެއަރގެ ތެރެއިން އައްޑޫސިޓީގެ ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

” މިހާރު ގަމަށް ދަތުރުކުރަނީ ސްރީލަންކަން އެއަރލައިންސްއިން އެކަނި. އިތުރު އެއަރލައިންތަކުގެ ދަތުރުތައް ގަމަށް ފެެއްޓުމަށް ގިނަ އެއަރލައިންތަކަކާއެކު ދަނީ މަޝްވަރާ ކުރަމުން. އެގޮތުން ލޯ ކޯސްޓް އެއަރލައިންތަކާއެކު ބައްދަލުވުންތައް ބޭއްވި، ސަމަރ ސީޒަންގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގާތްގަޑަށް ހަތަރު ފަސް އެއަރލައިންތަކާއެކު މަޝްވަރާކުރެވުނުކަމަށާއި އޭގެތެރޭގައި މިހާރު ހުއްޓާލައިފައި އޮތް ވިޒް އެއަރ ރާއްޖެގެނައުން ފެށޭނީ ކިހިނެއްތޯ އާއި އަދި އޭގެ އިތުރަށް މިހާރު ރާއްޖެ ދަތުރުކުރާ ފްލައި ޑުބާއި ، ގަލްފް އެއަރ،ގެ އިތުރުން ރާއްޖެ އަންނަ ބައެެއް ފްލައިޓްތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާނެ ކަމަށް ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް އަންނަ މަތިންދާ ބޯޓުތައް އިތުރުކުރުމަށްޓަކައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ މެދުއިރުމަތީގެ އެއަރލައިންތަކާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވަަޒީރު ވިދާޅުވިއެވެ. އެގޮތުން އެމިރޭޓްސް އާއި ޤަޠަރު އެއަރވޭޒްއާއެކު އެމްއޯޔޫގައި ސޮއިކުރެވިފައިވާ ކަމަށާއި، މިއެއްބަސްވުންތަކުގެ ދަށުން އެ އެއަރލައިންތަކުން ރާއްޖެއަށް އަޅާ ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

“މިމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ޚާއްޞަކޮށް އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ”

އޭޓީއެމް 2025 އަކީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާއެވެ. ދުނިޔޭގެ 160 ވުރެ ގިނަ ގައުމުތަކުން ބައިވެރިވާ މި ފެއާގައި ރާއްޖޭގެ 110 ސްޓޯލެއް ބަހައްޓާފައިވެއެވެ. އެ ސްޓޯލްތަކުގައި ރާއްޖޭގެ މައި އިގުތިސާދު ކަމަށްވާ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.