މިހާރު މިއޮތީ ކާޅު ހާލި ހެދީމަ ކޮވެލި ބިސް އެޅުން ކަމަށާއި މިހާރު ކުރާ ކަމަކީ ރިބަން ފަށް ކެނޑުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ “މަރުހަބާ ރައީސް ޔާމީން” ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި މިހާރުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާއެކު އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ގުޅޭގޮތުން ރައީސް ޔާމީންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އިންޑިއާގެ ޓައުނެއް ކަމަށް އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފައިބަން ޖެހޭނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ވެރިއަކުވެސް ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނުވާނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމުގައެވެ. ޔާމީންގެ ވާހަކަފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި އަސްކަރިއްޔާއިން ޤައުމަށް ޚިދުމަތް ކުރުމުގައި ކުރަންޖެހޭ ހަމައެކަނި ހިދުމަތަކީ ސަރުކާރު ދިފާއުކުރުން ނޫންކަމަށާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަކީވެސް އެފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ ސިފައިން ކޮށްގެން ތިބި ހުވާ ކަމަށާއި ދިވެހިންގެ މިނިވަންކަން ނުދެމެހެއްޓޭނަމަ ހުވާގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.