English Edition
Dhivehi Edition

ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ “ހަށިހެޔޮ ދުޅަހެޔޮ ސިއްހަތަކަށް – ކަސްރަތު ކުރަމާ” ޕްރޮގްރާމް، 45 ބައިވެރިންނާއެކު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު ތިނަދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި މި ރަސްމިއްޔާތުގައި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަހީދާ ތޯލިބް އާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހުވަދޫ ސްވިމިންގ ކްލަބް އާއި ގުޅިގެން ބާއްވާ މި ކަސްރަތު ޕްރޮގްރާމަކީ، ހުވަދޫ ސްވިމިންގ ކްލަބާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމެކެވެ.

އުމުރުން 35 އަހަރުން މަތީގެ ދެ ޖިންސުގެ ކޮންމެ މީހަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ބަރުދަން އެންމެ ލުއި ކުރާ 03 ބައިވެރިންނަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް މި ފަހަރުގެ މި ޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ ހުސް އަންހެން ބައިވެރިންނެވެ.

މި ޕްރޮގްރާމަކީ ޑިސެންބަރު 01 އިން ފެށިގެން ޑިސެމްބަރ މަހު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.