ވަގަކު މިނިވަން ވެއްޖެނަމަ ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑާ ކުރިކަން ސާބިތުވެ, ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި މެދު ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއރު އެ ކަމަށް އިޝާރަތްކުރައްވާ ނިހާދު ގެންދަވަނީ ގިނަ ޓުވިޓްތަކެއް ކުރައްވަމުންނެވެ.
ނިހާދުގެ ޓުވިޓްގައި ވިދާޅުވީ މަހާ ވަގަކު މިނިވަން ވުމަކީ ސުޕްރީމް ކޯޓާއި މެދު އުފެދިފައި އޮތް އިތުބާރު ގެއްލިގެންދާނެކަމަށެވެ، ރައީސް ޔާމީންގެ ނަން ވިދާޅުނުވެ ނިހާދު ކުރެއްވި އިތުރު ޓުވިޓެއްގައި ވަނީ ޓައިޕިން އެރާއެއްގެ ސަބަބުން ވަގަކު މިނިވަން ވެއްޖެނަމަ ދުވަހަކު ވެސް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އިސްތިއުނާފް ކުރި ފަރާތުން އެދުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށް ދެވެން ނެތް ކަމަށެވެ.