English Edition
Dhivehi Edition

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ކެނޑޭ މައްސަލަ ހައްލުނުވެ ދިގުލަމުން ދާތީވެ އެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް 1.2 ކިލޯވޮޓާއި އެއް ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މި ޖަނަރޭޓަރުތައް މި ހަފްތާ ބަންދުތެރޭގައި އައްޑޫއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ޖެހިގެން ދުވާލާއި ރޭގަނޑު ވެސް ކަރަންޓު ކަނޑަމުންދާތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މައްސަލަ ޖެހުނު ހަތަރު ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވޭ ގޮތްުނުވާތީ އައްޑޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ހަތަރު ޓްރާންސްފޯމަރުން ހުންނަނީ ކަރަންޓު ކަނޑާފައި ކަމަށް ފެނަކައިން ބުނެއެވެ،

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ވަނީ މައްސަލަ ހައްލު ކުރެވެންދެން މަތީ ލޯޑްނަގާ ކަރަންޓް ސާމާނު ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވަވާފައެވެ،

“އެއް އިންޖީނަށް މައްސަލަ ދިމާވުމުން އައްޑޫ ސިޓީއަށް ބޭނުންވާވަރަށް ކަރަންޓް ލޯޑް ނަގައި ނުދޭ . އެހެން އިންޖީނުތަކުން ކަރަންޓް ދެމުން ގެންދާއިރު ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ހިދުމަތް ކަނޑަމުން ގެންދާ ނެ. މައްސަލަ ހައްލު ކުރެވެންދެން މަތީ ލޯޑްނަގާ ކަރަންޓް ސާމާނު ބޭނުން ނުކުރުމަށް އިލްތިމާސްކުރަން” އައްޑޫން ކަރަންޓް ކެނޑޭ މައްސަލާގައި ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރަކަށް މައްސަލަ ދިމާވި ނަމަވެސް، އެހެން ޖަނަރޭޓަރުތައް ބޭނުން ކޮށްގެން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދޭ ކަމަށްވެސް ފެނަކައިން ބުނެއެވެ.