English Edition
Dhivehi Edition
އެމްޓީސީސީ ފެރީގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހޯދަމުންދާ ހިދުމަތެއް ފޮޓޯ: އީމާން

އަންނަ އަހަރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފެންވަރު ރަނގަޅު ބަސްތަކެއް ގެންނާނެ ކަމަށް އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

‘ވަގުތު ނޫހަށް’ މައުލޫމާތު ދެއްވަމުން އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅާއި މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެމްޓީސީސީ އިން މަސައްކަތްކުރަމުން ދަނީ އަންނަ އަހަރު މި ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

މިހާރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ އަތޮޅާއި މާލެ ސިޓިގެ ބަސް ދުއްވުމުގެ މަސައްކަތާ އެމްޓީސީސީ އާއި ހަވާލުވެފައިވާއިރު އެ ކުންފުނިން ބަސްތަކާއި ހަވާލު ކުރި އިރު ގިނަ ބަސްތަކެއް ހަލާކުވެފައިވާކަމަށް އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކުރެވުނު އިރު، ބަސްތައް ހިންގުމުގެ ނިޒާމެއް ނެތްކަމަށާއި ބަސްތައް ބަހައްޓާނެ ތަނެއް ވެސް ނެތްކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ އެ ނިޒާމު ހަރުދަނާ ކުރުމަށް ވަގުތު ނަގާނެކަމަށެވެ.

މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން 50 އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު އެ ކުންފުނިން ވަނީ ދެކުނުގެ އަތޮޅުތަކަށް ރަނގަޅު ފެރީގެ ނިޒާމެއް ގާއިމުކޮށް ހިދުމަތްތައްފުޅާކޮށްފައެވެ. މި ގޮތުން އައްޑޫ ސިޓީގައި ދަތުރުފަތުރުގެ ހިދުމަތް ރަނގަޅުކޮށް އޭސީ ފޭރީތަކުގެ ހިދުމަތް ފަށާފައިވާއިރު، ކާގޯ ފެރީގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.