English Edition
Dhivehi Edition

ރަށެއްގެ މަލަމަތިން ރަށެއް ބަލަހައްޓައި ހިންގުމުގެ ޒިންމާނެގޭތޯ ނުވަތަ ނޫންތޯ ވަޒަންކުރެވިދާނެހެން ހީވޭތޯއެވެ؟ މިއަދަށް އަލިވިލުމާއިއެކު ރަށުތެރެ ބަލައިލުމުގެ ޝައުގުވެރިކަން އުފެދިއްޖެއެވެ.ސޯޝަލް މީޑިއާއިން ފެންނަ ރީތި ފޮޓޯތަކުގެ ހަގީގަތް ބަލާލާ ހިތް ވެއްޖެއެވެ. މުޅިން އަލަށް ލޭންޑްސްކޭޕްކުރެވި ހެދުނު ޓުއަރިޒަމް ޒޯނާއި ދުވާރުތަކުގެ އަރިމަތީގައިހުރި ބޮކިތަކުގެ ނަލަކަމާއި ޗާލުކަމެއް އެނގޭނީ ގޮސް ބަލައިގެންތާއެވެ. މަރާމާތުކުރެވި ހެދިފައިވާ ސާޅީހަކަށް މިލިއަން ރުފިޔާގެ ބަނދަރަކާއި، ފަތާ ޓްރެކް ސަރަޙައްދުގެ ފޮޓޯއެއް ނަގާލަނަމޭވެސް ހިތުލައި އެހިސާބަށް ދިޔައީ އުންމީދުން ފުރިގެންވާ ހިތަކާއިއެކުގައެވެ.

އުމްރާނީ ތަރައްޤީގެ ކުލަވަރު ބަނދަރު ސަރަޙައްދުން ފެނުނަސް ބަނދަރަށް ބަލާލުމުން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އިންޑަސްޓްރިއަލް މަސައްކަތްތަކަށް މީދޫ ބަނދަރުމަތިން ދޫކުރެވިފައިވާ ސަރަޙައްދެވެ. މުޅި ހިސާބު ގޮނޑުވާން ދޫކޮށްލެވިފައިވާ ކަހަލައެވެ. ބަނދަރުމަތީގައި ގިނަޢަދަދަކަށް ބިދޭސީން ހަރަކާތްތެރިވާއިރު އެމީހުން އުކާލާފައިވާ ކުންޏާއި، މުދާއުފުލާ ބޯޓުފަހަރުން އުކާލާފައި ހުރިކަމަށް ބެލެވޭ ކުނިބުނިވެސް އެތަންމިތާގައި ހާމައަށް އުކާލާފައި ހުއްޓެވެ. ރަށަށް އަރައިފައިބާހާ ބަޔަކަށް އެންމެ ފުރަތަމަވެސް ފެންނާނީ ގޮނޑުވެފައިވާ މިސަރަޙައްދު ނޫންތޯއެވެ؟

މީދޫ ބަނދަރު ސަރަހައްދަށް އަޅާފައިވާ ކުނިތައް
ފޮޓޯ: އޭއޯ ނިއުސް

ރަށަށް މުދާގެންނަ ބަޔަކަށްވެސް އެބަޔަކަށް ނެގެންދެވޭ މުދާތައް ބަނދަރުމައްޗަށް ޖަހާފައި ބަހައްޓަންވީއެވެ. އެމީހަކަށް ފަސޭހަ ވަގުތަކު ގެންދަންވީ އެވެ. އެއްވެސް އުސޫލެއް ހަމައެއް ނެތެވެ. ބަނދަރުގެ ފެށޭހިސާބުން ނިމެންދެން ހިލަވެއްޔާއި، ޒާތްޒާތުގެ ބަސްތާތައް ޖަހާފައިހުރުމުން ރަށެއްގެ ސާފުތާހިރު ތަނަވަސް ރީތި ބަނދަރަކަށްވުރެ ބޮޑަށް މީދޫއިން ފެންނަނީ ތިލަފުށި ކަހަލަ އިންޑަސްޓްރިއަލް ރަށެއްގެ ބަނދަރެކޭ ހީވާކަހަލައެވެ.ނުވަތަ މީދޫ އަވަށު އޮފީހުންވެސް މީދޫ ދެކެނީ އެފަދަ ރަށެއްގެ ގޮތުގައިކަމަށްވެސް ވެދާނެއެވެ.

މީދޫ ބަނދަރު ސަރަހައްދު
ފޮޓޯ: އޭއޯ ނިއުސް

އަދިވެސް އެހެން ކަމެކެވެ. ބަނދަރުގެ ނެރުތޮށި ނޫނީ ބޭރުތޮށީގައި މުޅިންވެސް އޮތީ ޢިމާރާތްކުރުމުގެ ބޭނުމަށް ނެގިފައިވާ ވެލި ބަސްތާތަކެވެ. މިއީ މީދޫ ބަނދަރަށް ޚާއްސަކަމެކޭ ހީވާފަހަރުވެސް އާދެއެވެ. މުޅި އައްޑޫގެ އެއްވެސް ބަނދަރަކުން މިމަންޒަރު މިގޮތަށް ފެންނާނެހެނެއް ހިއެއްނުވެއެވެ. ވެލިނަގާ ފަރާތްތަކުގެ ވެލި ‘ގުދަންތަކުގެ’ ވާހަކަ ދައްކައިނުލައި މިބަނދަރުގެ ވާހަކަ ކުރުކޮށްލެވޭކަށް ނޯންނާނެއެވެ. މިއީ ހަމަ ހައްލުކުރަން އެހާ އުނދަގޫ މައްސަލައަކީތޯއެވެ؟ ވެލިގުދަންކުރަން މީދޫގައި ބިން ނެތީތޯއެވެ؟ މީދޫގައި ހަދާފައިވާ ރީތި، އަގު ބޮޑު ބަނދަރުގައި ވެލި ބަސްތާތައް އެއްވެސް އުސޫލެއް ނެތި ޖަހާފައިވާއިރު މިއީ ހަމަ މިކަން އޮންނަ އުސޫލުތޯ ހިތާހިތާ ސުވާލުކޮށްލެވުނެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ވެލި ބަސްތާ ތައް ޖަހާފައިވ
ފޮޓޯ: އޭއޯ ނިއުސް

މީދޫއަކީ މުޅި ސިޓީގެ އެހެން ރަށްތަކާއި އަޅާބަލާއިރުވެސް ސާފުތާހިރު ރަށެކޭ ބުނުމަކީ އެހެން ރަށަކަށް ބުނެވޭ ބަދުބަހެއް ނޫންކަން ޔަގީނެވެ. މި ވާހަކައަކީ މުޅި ސިޓީގެ އެންމެންވެސް ދައްކާ އަދި މީދޫ ނަމޫނާ އެއްގެ ގޮތުގައި ބަލާ ކަމެކެވެ. އެހެނަސް ބަނދަރުމައްޗާއި ޓްރެކް ސަރަޙައްދު އަދި މިހާރު ފެންނަނީ ނުބެލެހެއްޓި ގޮނޑުވަމުންދާތަނެވެ. ކިތަންމެ ފުރިހަމައަށް، ކިތަންމެ މޮޅަށް ކުލަކުލައިން ޖަރީކޮށްފައި ތަނެއް ހެދިޔަސް އެތަނުގެ ބޭނުން ހެޔޮގޮތުގައި ނުހިފެންޏާ އެތަނެއްގެ ބޭނުމެއް ނެތެއްނޫންތޯއެވެ؟ އަވަށު އޮފީހުން މިސަރަޙައްދު އިތުރަށް ބައްލަވައި ޢުސޫލުތަކާއި ހަމަތަކެއް ކަނޑައަޅައި މިސަރަޙައްދު ރަނގަޅަށް ބެލެހެއްޓި އުސޫލަށް ފެތޭގޮތަށް ބަދަލުކުރެއްވުން އެއީ އުންމީދެކެވެ. ރައްޔިތުންގެ ތެރެއިން ބައެއްގެ ކަންބޮޑުވުމެއް ޢާންމުކޮށް ޙިއްސާކުރުމަކީ ކުށަކަށް ނަހައްދަވާނެކަމަށްވެސް އުންމީދުކުރަމެވެ.

 

1 ކޮމެންޓް
ދިޔެ
ނޮވެމްބަރު 19, 2021
ތިރަށި ތިބޭނެއި ގިސްއުފުރަފެއި އެއްތަނުން އެނައްތާކައް ހިލުވާ ކުދިޔެ. ތިމާވެއްޓާއު އަންހެނުންނާއުކޭފެއި ފަސާދަކެރާތާންނީ ތީ.