English Edition
Dhivehi Edition

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ގއ.ދާންދޫގައި ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ދާންދޫގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްސަސާތަކާއި، ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކުލަބް ޖަމިއްޔާތައް އިތުރުން އެރަށުގެ ފުލުހުންނާ ގުޅިގެންނެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން އިސްރަށްއްވެހިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެރަށުގެ އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ދާންދޫގައި މި ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށިގެން ކުރިޔަށް ދިޔައީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބޭއްވުނު ޚާއްސަ ކަސްރަތު ޕްރޮގްރާމަކުންނެވެ. ހެނދުނު 7:00 ގައި ބޭއްވުނު މި ކަސްރަތު ޕްރޮގުރާމް ކުރިޔަށް ދިޔައީ ފުލުހުންގެ އެހީތެރިކަމާއި އެކުގައެވެ.

އަދި މީގެ އިތުރުން، އެރަށު އިސްރަށްވެހިންގެ ތެރެއިން މި ވަގުތު އެނދުމަތިކޮށްވާ ރަށްވެހިންނަށް އެ ރަށު ކައުންސިލުން ވަނީ ޒިޔާރަތް ވެސް ކޮށްފައެވެ.މި ހަރަކާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދާންދޫ ކައުންސިލް ރައީސް މުޙައްމަދު ޢާޞިފް ވިދާޅުވީ، އިސްރަށްވެހިންނާއެކު ވަގުތު ހޭދަކޮށްލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި އިސްރަށްވެހިންގެ ފަރާތުން ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބިގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން ދުވަހާއި ގުޅުވައިގެން ” އިސްރަށްވެހިންގެ ހަވީރު” ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވެސް ވަނީ ދާންދޫގައި ކުރިއަށް ގެންގޮސްފައެވެ.