English Edition
Dhivehi Edition

އިޤްތިޞާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިޤްތިޞޯދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާކަން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށް ވެސް ދަތިދުވަސް ވަރެއްކަމުގައިވާތީ ރާއްޖެއަށް ވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި، ރާއްޖެ ބަނގުރޫޓްވެ ، އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކުމަށް ފަތުރަމުންދާ އަޑުތަކުގެ ސަބަބުން ކުރާ އަސަރުތައްކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞޯދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.