English Edition
Dhivehi Edition

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކޮށްފިއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން މި މަހުގެ 13 އަދި 14 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން މި މަހުގެ 13 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ތުނޑީގައި ބީޗް އެކްސަސައިޒް ބާއްވާފައިވާއިރު، އެ ދުވަހު ޔޫތު ސެންޓަރު ހޯލުގައި ވަނީ މެޑިކަލް ކޭމްޕެއްވެސް ބާއްވާފައެވެ.

މިކޭމްޕްގައި އައިޖީއެމްއެޗް ގެ އެތެރެ ހަށީގެ ޑޮކްޓަރުންނާއި ނަރުުހުން ބައިވެރިވެ ވަޑައިގެންނެވިއިރު، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޮންސަލްޓޭޝަނާއި ތަފާތު ޓެސްޓްތައް ހެދުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހަކުރުބައްޔަށް މީހުން ސްކްރީން ކުރުމާއި ބޮޑީމާސް އިންޑެކްސް (ބީއެމްއައި) ހިސާބުކުރުމާއި، ބްލަޑް ޕްރެޝަ ބަލައިދިނުމާއި، ޖީއާރުބީއެސް ބަލައިދިނުމާއި، ފަންދަސްފޮޓޯގްރަފީ އާއި މާބަނޑު މީހުންނާއި ގުޅޭ ހަކުރުބަލީގެ މައުލޫމާތު ދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ، މި ކޭމްޕްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޕަބްލިކް އެވެއާނެސް ސެޝަންއެއް ވެސް ވަނީ ބާއްވާފައެވެ، އެމްޖޭއެސް ހޯލުގައި ބޭއްވި މި ސެޝަންގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ހަކުރު ބައްޔާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އެވެއާނެސް ރަން އެއް ބާއްވާފައިވާއިރު މި ދުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލު ރަފީގާއި ސިޓީ ކައުންސިލް މެމްބަރުންގެ އިތުރުން ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދުވަހާއި ގުޅިގެން ހާފިޒު އަހްމުދު ސްކޫލުގައި ވަނީ ހާއްސަ ޖަލްސާ ބާއްވާފައެވެ.

ދުނިޔޭގެ ހަކުރު ބަލިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 14 ވަނަ ދުވަހެވެ.