އައްޑޫސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުން އައުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސިޓީގައި ހަރުކަށި ފިޔަވަޅު އަޅައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެފަދަ ފިޔަވަޅުތަކަށް ވުރެ އިސްކަންދޭންވީ އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ކަމުގައި އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ހަރުކަށި ފިޔަވަޅު އެޅުމުން އެކަމާއިވެސް ކަންބޮޑުވެގެން ޝަކުވާ ކުރަމުން އަންނަނީ ހަމަ ރަައްޔިތުން ކަމަށާއި އެފަދަ ފިޔަވަޅު ތަކުގެ ސަބަބުން ތަނުގެ އިގްތިޞާދަށް ބޮޑެތި އަސަރު ތަކެއް ކުރަމުން އަންނަ ކަމަށެވެ.
“މިހާރުވެސް އައްޑޫ މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ. ފުލް ލޮކްޑައުން އަކަށް ގޮސްފިނަމަ މަޑުމަޑުން ރަނގަޅުވަމުން އަންނަ ވިޔަފާރިތަކަށް އަނެއްކާ ވެސް ގެއްލުން ވާނީ. ސްކޫލްތައް ބަންދުކޮށް ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހޭނީ. އޭގެ ބަދަލުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރެވޭނެ ގޮތްތަކަށް އެންމެން އަމަލު ކުރަން ޖެހެނީ” ނިޒާރު ވިދާޅުވިއެވެ.
ކޮވިޑުގައި މިވަގުތު ޕޮޒިޓިވް ކޭސްތައް އެންމެ އިތުރުވެފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން (އީއޯސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އައްޑޫގައި މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 390އަށްވުރެ ގިނަ މީހުން އެބައްތިއްބެވެ.
އީއޯސީގެ އެންމެފަހުގެ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 51 މީހަކު އަލަށްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 396 މީހުންނަށް އައްޑޫގައި އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 2 މީހަކަށް ފަރުވާ ދެމުން އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައެވެ.
މިބަލީގައި މާލެ ސަރަޙައްދު ފިޔަވައި އެންމެ ގިނަބަޔަކު ނިޔާވެފައިވަނީވެސް އައްޑޫ ސިޓީގަވެ. އެގޮތުން މިހާތަށް 10 މީހަކުވަނީ އައްޑޫގައި ނިޔާވެފައެވެ.
ކޮވިޑް ބަލީގެ މީހުން އައްޑޫގައި ގިނަ ވަމުން އަންނަ އިރު ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބޭރުގައި އުޅުމުގައި މާސްކު އެޅުން މަޖުބޫރުކޮށް، ގެއިންބޭރަށްވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިޔުމަށް އަންގަމުންނެވެ. އެހެން އައްޑޫގައި މިވަގުތު ކުރިއަށްދާ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގައި ވެސް މިގޮތަށް އަމަލު ކުރާ މީހުން މަދުކަން ފާހަގަ ކޮށްލެވެއެވެ.