އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ޢާއިލާއިން ތުހުމަތުކޮށްފިއެވެ. އައްޑޫ ހޮސްޕިޓަލަށް ވިއްސަން ގެނައި ގދ. ވާދޫގެ މާބަނޑު އަންހެނަކު ވިހެއި ދަރިފުޅުވަނީ ވިހެއުމަށްފަހު ގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. މިކަމުގައި ހޮސްޕިޓަލުގެ އިހުމާލުއޮތްކަމަށް ޢާއިލާއިން ތުހުމަތު ކުރަނީ ނަރުހުންގެ އަތްމަތިން ކުއްޖާ ވިހެއުމާއި ޑޮކްޓަރެއް އެވަގުތު ނެތުމުގެ އިތުރަށް ކުއްޖާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ވެފައިވާތީއެވެ.
“ވަރަށް ބޮޑަށް ކުއްޖާއަށް އަނިޔާވެފައިވޭ. އެތައް އިރެއްވީއިރުވެސް ޑޮކްޓަރު ނައައުން މީ އިހުމާލު ނޫންތޯ. ނޯމަލް ޑެލިވަރީއެކޭ ބުނި. މައްސަލައެއް ނުޖެހޭނެ ކަމަށް ބުނި. އެހެންކަމަށްވާނަމަ އެހާ ހާލުދެރަކޮށް އަނިޔާކޮށްގެން ކުއްޖާ ނަގަންޖެހުނު އެއްވެސް ސަބަބެއް ނޭނގެ. އެއާއިލާއިން އޭއޯ ނިއުސްއާއި ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ޢާއިލާއިން ބުނީ މިމައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެއީ ޑޮކްޓަރ އައުން ލަސްވެގެން ދިމާވި ޙާދިސާއެއް ނޫން ކަމަށާއި ހޮސްޕިޓަލުގެ ޢާއްމު އުސޫލުން ޑެލިވަރީގައި ކަންކުރަން ޖެހޭ ހުރިހާ ޕްރޮސީޖަރ އެއް މިކަމުގައި ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބުނީ ކުއްޖާއަކީ ޢާއްމު މިންގަނޑަށްވުރެ ބަރު ކުއްޖަކަށްވެފައި ޝޯލްޑަރ ޑިސްޓޯޝިއާގެ ސަބަބުން ވިހެއުމުގެ ތެރޭ ކޮނޑުހުޅު އަޅައިގަނެ ވިހެއުން އިތުރަށް އުނގަދޫވެގެންދިޔަ ކަމަށެވެ.
“އެކަމުގެ ތެރޭ ކުއްޖާއަށް އަނިޔާވާނެ. އެއްފަހަރަކު މިކަހަލަ ކޭސް އެއްގަ އައިޖީއެމްއެޗްގަ ކުއްޖަކު ބޯބުރިކޮށްގެން ވެސް ނަގަންޖެހުނު . އެގޮތުން މިބޭބީވެސް ޑެލިވަރ ކުރުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވި. ބޭބީ ޑެލިވަރ ކުރެއްވި ޑޮކްޓަރ އަހްމަދު ވެސް އަދި ހޮސްޕިޓަލުންވެސް މިކަމުގައި ދެރަވެ ޢާއިލާގެ މިހިތާމައިގަ ބައިވެރިވަން. “އޭއީއެޗްގެ މީޑިއާ އޮފިޝަލް.
ހޮސްޕިޓަލުން ވިދާޅުވީ އެހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ކޮންމެ ކޭސްއަކާއެކުވެސް ހެދޭގޯސްތައް އިތުރަށް ދިރާސާކޮށް ކަންހިނގާފައިވާ ގޮތްބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ރަނގަޅުކޮށްގެން ޚިދުމަތް ފުޅާ ކުރުމަށް ކަމަށެވެ.