އައްޑޫ ސިޓީގެ ފޭދޫގައި ވަޒީފާ އަދާކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތަކު ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލުކޮށްފިއެވެ. އޭނާ އިސްލާމްވިކަން އާންމުކޮށްފައިވަނީ ދީނީ މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ މިޝްކާތު ފައުންޑޭޝަނުންނެވެ.
މިޝްކާތު ފައުންޑޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފޭދޫގައި ހުންނަ ނަޔާ ސެލޫންގައި މަސައްކަތްކުރަމުން އައި ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވާން އިސްލާމްދީން ގަބޫލުކުރުމަށްފަހު، މިހާރު ވަނީ އޭނާގެ ނަން އަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައެވެ.
މި އުފާވެރި ހަބަރު އާންމުކުރަމުން، އެ ފައުންޑޭޝަނުން ވަނީ އަބްދުﷲ އާދަމްއަށް އިސްލާމްދީން މަތީ މަރުވުމާ ހަމައަށް ސާބިތުކަން ދެއްވުން އެދި ދުއާކޮށްފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަންނަނީ ދޭތެރެދޭތެރެއިން އިސްލާމްދީނަށް ވަންނަމުންކަން ފާހަގަކުރެވެއެވެ.