English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް

އިއްޔެ ފުވައްމުލައް ސިޓީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި، ދެ ލައްކަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެ ގޭގެ ވެރި ފަރާތުން ބުނެފިއެވެ.

އިއްޔެ ހެނދުނު 10:40 ހާއިރު އަލިފާން ރޯވެފައިވަނީ ފުވައްމުލަކު ހޯދަނޑު އަވަށު ‘ވަނަވަރު’ ގައި އެއް ކޮޓަރިއާ ބަދިގެއަކާއެކު ވަކިން ހަދާފައިވާ އެޕާޓްމެންޓެއްގައެވެ. އާންމު ރައްޔިތުންނާއި ސިފައިންގެ މަސައްކަތުން އަލިފާންގަނޑު، ގާތްގަނޑަކަށް 10:55 ނިއްވާލެވުނުއިރު އަލިފާނުގެ ހާދިސާގައި އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރޯވި ކޮޓަރިއަކީ ވަރަށް ފަހުން ހަދާފައިވާ ކޮޓަރިއެކެވެ. އެ ކޮޓަރި ކުއްޔަށް ހިފައިގެން އުޅެނީ ފުވައްމުލަކު ސުކޫލްގައި ކިޔަވައިދޭން އުޅޭ އިންޑިއާ ޓީޗަރެކެވެ. މި ހާދިސާގައި އެ އެޕާޓްމެންޓުގެ ފާރުގަ ޖަހާފައިހުރި ސިމެންތިތައް އެއްކޮށް ނެއްޓިފައިވާއިރު ސީލިން ވަނީ އަނދާފައެވެ. އަދި ކޮޓަރީގައި ހުރި ދެ އެނދާއި އަލަމާރި ވެސް އަނދާފައިވާއިރު ޓައިލްސްތައް ވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.މީގެ އިތުރުން 20 ހާސް ރުފިޔާގެ ލެޕްޓޮޕާއި، ޓީޗަރު ގެންގުޅޭ ފޮށިތަކާއި އަންނައުނުތައް ވެސް ވަނީ އަނދާފައެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ މިހާދިސާ ހިނގީ ފާހާނާއެއްގައި ހަރުކޮށްފައި ހުރި ޑިމަރެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.