އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މާލެއަށް ބަލިމީހުން ގެންދިއުމުގެ ބަދަލުގައި، މާލެއިން ޑޮކްޓަރުން އޭ.އީ.އެޗަށް ވަޑައިގެން ހަދަންޖެހޭ ސަރޖަރީތައް ހެދުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މިކަން ހާމަކުރައްވަވައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ބަލި މީހުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މާލެއަށް ގެނައުމުގެ ބަދަލުގައި، މާލެއިން ޑޮކްޓަރުން އޭ.އީ.އެޗަށް ވަޑައިގެން ހަދަންޖެހޭ ސަރޖަރީތައް ހެދުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.
އަދި އެކަމަށް ޢަމަލީ ސިފައެއް ގެންނަވާ، އައްޑޫސިޓީގެ މަރަދޫ ފޭދޫއަށް ނިސްބަތްވާ ރައްޔިތެއްގެ ބައްޕަ އޮޕަރޭޝަން ކުރަން މާލެ ފޮނުވުމުގެ ބަދަލުގައި މާލެއިން ޑޮކްޓަރުން އޭ.އީ.އެޗަށްގޮސް އެކަން ކުރެވޭނެގޮތް ހަމަޖެހިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
“މިގޮތަށް ރައްޔިތުންނަށް ފަސޭހަވާގޮތަށް ގާތުން ޚިދުމަތްދެވޭގޮތަށް އޭ.އީ.އޭޗް ބަދަލުވެގެންދިއުމަކީ ކުރާ އުއްމީދެއް. އަދި މިކަން ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ކުރެއްވި ފާހަގަކުރަން” ރޮޒެއިނާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދާދިފަހުން ފަހުކޮޅު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލަށް އިތުރަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ވަނީ އޮޅުންފިލުއްވާފައެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ އެހީތެރިކަމާއެކު ސަބް-ސްޕެޝަލިޓީ ކޮންސަލްޓޭޝަންގެ ޚިދުމަތް ބަލި މީހުންނަށް މިމަހު ވަނީ ދޭން ފަށާފައެވެ. މީގެ އިތުރުން ހޮސްޕިޓަލްގައި އާ ހިދުމަތްތައް ތައާރަފުކޮށް ހިންގުން ހަރުދަނާކުރުމަށް އިންޑިއާގެ ހޮސްޕިޓަލަކާއެކު ސޮއިކުރަން ނިންމައިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.