ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ގެނައުމުގެ މަސއްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގާސިމް އިބްރާހިމް ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވަނީ ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ކަރެކްޝަނުން ދިން މުއްދަތު މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވުމުންނެވެ.
ކަރެކްޝަންސް އިން ބުނީ ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތުމުން، މިހާރު އެ ތަނުން ބަލަނީ އޭނާ ފިއްލަވައިގެން އުޅުއްވަނީ ކަމަށެވެ.
ގާސިމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއާލައިނުން އެމަނިކުފާނަށް މިއަދުވެސް އަންގާފައވަނީ ދަތުރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިންގަޕޫރުން މާލެއަށް ޤާސިމް އިބްރާހީމަށް ދަތުރު ކުރުމުގެ ހުއްދަ އެއާލައިނުން ދީފައިނުވާކަން ވާނީ އަންގާފައި ކަމަށެވެ.
ވަކީލުންގެ ބަޔާނުގައި ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، ގާސިމުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ތަކުރާރުކޮށް އަމަލުކުރަމުން ގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ކުރި ހުކުމްވަނީ އިސްތިއުނާފު ކޮށްފައެވެ.
ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ހުކުމްކޮށްފައިވަނީ ވެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ. އެ ހުކުމް މިހާރުވަނީ އިސްތިއުނާފުކޮށްފައެވެ.