ކޮވިޑް 19 އާއި ގުޅިގެން ދިގު މެދުކެނޑުމަކަށް ފަހު އަލުން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫސިޓީ އަށް ފެށުމަށް ތައްޔާރުވަމުން އަންނަނީ އައްޑޫސިޓީގެ ރައްޔިތުން ދިން ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ކަމުގައި ސްރީލަންކަން އެއާލައިންގެ ކަންޓްރީ މެނޭޖަރ(މޯލްޑިވްސް) ފައުޒަން ފަރީދު ވިދާޅުވެއްޖެއެވެ.
“އޭއޯ ނިއުސް” އަށް ދެއްވެވި އެކްސްކްލޫސިވް އިންޓަވިއު އެއްގައި އިއްޔެ ފައުޒަން ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ބަންދު ކުރި ގައުމުތަކުގެ ބޯޑަރު ހުޅުވައި ދަތުރުތައް އަލުން ފެށުމާއެކު އައްޑޫގެ ރައްޔިތުން އަމިއްލަ އަށް ވެސް އެ އެއާލައިން އަށް ގުޅައި އަލުން ދަތުރު ފެށޭނެ ދުވަހެއްގެ މައުލޫމާތު ސާފުކުރަމުން ދިޔަ ކަމަށެވެ. އަދި އަލުން ދަތުރުތައް ފެށުމުގައި އައްޑޫގެ ވިޔަފާރިވެރިންނާއި ، ކައުންސިލް އަދި ހަމަ އެހެންމެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވިއަން އެއާލައިންސްގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުމާ މެދު އުފާ ކުރައްވާ ކަމަށް ފައުޒަން ވިދާޅުވިއެވެ.
“އަޅުގަނޑު ހަމަ ދަންނަވާނީ 99 ޕަސެންޓް ސަޕޯޓް ލިބިގެން ދިޔައީ އައްޑޫގެ ރައްޔިތުންގެ ފަރާތުންކަމަށް. އަޅުގަނޑު މީގެ ކުރިން ވެސް 4 ގައުމެއްގައި މަސައްކަތް ކުރިން. މިއީ މި ގޮތަށް ކަންތައްތައް މިހާ ފަސޭހަ ކަމާއެކު ވެގެން ދިޔަ ފުރަތަމަ ފަހަރުކަން އުފަލާއެކު ފާހަގަ ކުރަން. މި އޭގެ ސަބަބަކަށް ވީ އަޅުގަނޑުމެންވެސް މޯޓިވޭޓް ވުން. އަޅުގަނޑުމެންގެ އެނާރޖީ ވެސް ބޫސްޓް ވެ މަސައްކަތް އަލުން ކުރަން ފަށާހިތްވުން ” ފައުޒަން ވިދާޅުވިއެވެ.
ފައުޒަން އިތުރަށް ވިދާޅުވީ އަލުން ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީމާ އެކު ބޭއްވި މީޓިންގައި ވެސް އިވިގެންދިޔައީ ވަރަށް އުފާވި ވާހަކަތަކެއް ކަމުގައެވެ. އެގޮތުން ދަތުރުތައް ފެށުމަށް ބޭނުންވާ ހުރިހާ ރިކުއަރމެންޓްސް ތަކެއް އެއާޕޯޓުގައި ހަމަޖައްސަވައި ދެއްވަވާނެ ކަމަށާއި ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ދިނުމަށް ތައްޔާރުގައި ތިބި ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވި ކަން ވެސް ފައުޒަން ފާހަގަ ކުރެއްވެވިއެވެ.
އައްޑޫގެ 2 ރިސޯޓެއް ބަންދުކުރެވިފައިވާ މި ދަނޑިވަޅުގައި ސްރީލަންކަން އެއާލައިންގެ ދަތުރުތައް ފަށާއިރު އެންމެ ބޮޑު އެއް އެހީތެރިކަމެއް ލިބިގެންދަނީ މޯލްޑިވިއަން އެއާލައިންސް އިން ކަމަށާއި ކޮލަމްބޯ-ގަން ދަތުރު ތައް މިފަހަރު އައްޑޫގެ އިތުރުން މުޅި ދެކުނަށް ޚާއްޞަ ވާއިރު ކަނެކްޓިން ފްލައިޓްތައް ހަމަޖައްސައިދެނީ މޯލްޑިވިއަން އިން ކަމަށް ވެސް ފައުޒަން ވިދާޅުވިއެވެ.
ހަފްތާއަކު އެއް ފްލައިޓް އަޅާގޮތަށް ޝެޑިއުލް ކޮށްގެން ދަތުރުތައް ފެށުމަށް މިވަގުތަށް ހަމަޖައްސާފައިވީ ނަމަވެސް ޑިމާންޑަށް ބަލައިގެން ދަތުރުތައް އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެކަމަށްޓަކައި ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފައުޒަން ވިދާޅުވިއެވެ.
އަގު ހެޔޮ ފެއާ ތަކަކާއެކު ގިނަ މަންޒިލް ތަކަކަށް އައްޑޫން ދަތުރު ކުރެވޭ ގޮތަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް “އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއްވެސް އައްޑޫ ސިޓީގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.