އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަލާއިރު އައްޑޫސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުން އުވާލަން ވިސްނުން ހުރި ކުންފުންޏެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށް އައްޑޫސިޓީގެ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ސަރުކާރުގެ %30 ހިއްސާ އެކުންފުންޏަށް ދީގެން ނަމަވެސް ނުވަތަ ކޮންމެވެސް ރޭޓެއް ދީގެން ވިޔަސް ނުވަތަ ގާނޫނު ބަދަލު ކޮށްގެން ވިޔަސް އެތަން ހިންގޭތޯ ބަލަން ޖެހޭ ކަމަށެވެ.
“އަޅުގަނޑުމެންނަށް ނެތް ނެގޯޝިއޭޓް ކޮށް ތިބެވޭ ކަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ނެގޯޝިއޭޓް ކޮށް އަޅުގަނޑުމެން ބަލަބަލާ ތިބޭތާ. ހެރެތެރެ އާއި ޝަންގްރިއްލާ އަކީ ގާތްގަނޑަކަށް އެއްހާސްމީހުންގެ ވަޒީފާ. އައްޑޫއަށް ޚާއްޞަކޮށް އެ ސަރަހައްދުގެ މީހުން ވަޒީފާ ބޭނުންވޭ. ވަޒީފާގެ އެތައް ބަޔަކު މަހުރޫމް ވެފައި އެތިބީ ކޮވިޑާއެކީ. އެހެންވެ ވަޒީފާގެ ފުރުސަތު ހެރެތެރެ އާއި ޝަންގްރިއްލާ އިން ލިބެން އެބަ ޖެހޭ. އުފެދެން އެބަޖެހޭ. އެތަން ހުޅުވެން ޖެހޭ. ” އިލްޔާސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އައްޑޫގެ ރިސޯޓެއްް ކަމަށް ވާ ސައުތުޕާމް މޯލްޑިވްސް އަށް ބަލާއިރު 115 ކޮޓަރީގެ އެ ރިސޯޓު ޖުލައި މަހާއިހަމައަށް ފުލް ކަމަށާއި އެކަމުުން އެނގެނީ ޑިމާންޑް އެބައޮތް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު ބަންދުކޮށްފައި އޮތް ނަމަވެސް ހެރެތެރެ ރިސޯޓު އަންނަ ޑިސެމްބަރަށް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.