ހުވަދު އަތޮޅުގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭ ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން އެދެވޭ ގޮތެއްގައި ކުރިއަރުވާ އެ ސިނާއަތްތަކުން ލިބެންޖެހޭ ހަގީގީ މަންފާ މިހާރު ލިބެމުންދާ މަންޒަރު ނުފެންނަ ކަމަށް މި ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް ޕާޓީއިން މިހާރު ކުރިއަށް ގެންދާ ރިޔާސީ ކެމްޕޭނުގައި ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ހުވަދޫއަކީ އެ ދެ ސިނާއަތުގައި ވެސް ރާއްޖޭގައި ގުނާލެވޭ އަތޮޅެއް ކަމަށެވެ.
“އަޅުގަނޑުމެން މުޅި ހުވަދޫއަށް ބަލާއިރު ފެންނަނީ މުސްތަގުބަލު އުޖާލާ އަތޮޅެއްގެ ގޮތުގައި، ގއ. ވެސް ގދ. ވެސް، މި އަތޮޅަކީ ޓޫރިޒަމަށް ފައްކާވެފަ އޮތް އަތޮޅެއް، މި އަތޮޅަކީ ދަނޑުވެރިކަން ކުރިއަރުވައިފި ނަމަ އެކަމުގެ މަންފާ މުޅި އަތޮޅަށް އަދި މި ސަރަހައްދުގައި ހުރި ޓޫރިސްޓު ފެސިލިޓީތަކާއި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި އަތޮޅެއް، މި އަތޮޅަކީ ރާއްޖޭގެ އެންމެ ވަރުގަދަ މަސްވެރިން ތިބި އަތޮޅު” އިލާސް ވިދާޅުވިއެވެ.
ނަމަވެސް އެ ސިނާއަތްތަކަށް އެދެވޭ އަޅާލުމެއް ސަރުކާރުތަކުން ނުދޭކަން ކެންޑިޑޭޓު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މި ސިނާއަތްތައް ކުރިއަރުވާ އޭގެ މަންފާ މި އަތޮގެ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކީ އެންމެ އެކަށީގެންވާ ގޮތުގައި ލިބެމުންދާ ތަން ނުފެންނަ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެ ސިނާއަތްތައް ކުރިއެރުވުމަށް ޕާޓީއިން ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އިލްޔާސްގެ ވެރިކަމެއްގައި މަހުގެ އެންމެ ދަށް އަގަކީ 25 ރުފިޔާ ކަމުގައި ކަނޑައެޅުމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރެއްވި އެވެ.
“ރާއްޖެއަށް ބާނާ މަސް އެ ދަނީ އެ ބާނާ ގޮތަށް ރާއްޖެއިން ބޭރަށް، އެ [ބާނާ މަސް] ޕްރޮސެސް ކޮށްފައި ރާއްޖެއިން ބޭރުކުރެވޭ ގޮތެއް އަދި ނެތް، އެއީ ރޯ މެޓީރިއަލްއެއްގެ ގޮތުގައި ހުންނަ ގޮތަށް މި ބޭރުކުރަނީ، ގުދުރަތީ ގޮތުން ލިބެން ހުންނަ އެއްޗެއް އެގޮތަށް ބޭރުކުރީމާ އެޔަށް ލިބެންޖެހޭ އަސްލު އަގެއް ނުލިބޭ،”
އިލްޔާސް އިތުރަށް ވިދާޅުވީ ރާއްޖެއިން ބާނާ މަސް އެކި ގޮތްގޮތަށް ތައްޔާރުކޮށް ނުވަތަ ޕްރޮސެސް ކުރުމަށްފަހު އެކްސްޕޯޓްކުރާނަމަ 10 އިންސައްތަ އިތުރު އަގެއް ލިބޭނެ ކަމަށެވެ. އަދި، މި ޕާޓީގެ ސަރުކާރެއްގައި އެކަން އެގޮތަށް ކުރިއެރުވުމަށް ގައްދޫގައި ގޭދޮށު މަސް ޕްލާންޓް [ފެކްޓަރީ] އެއް އެޅުމަށް އިލްޔާސް ވައުދުވެވަޑައިގެންނެވި އެވެ.
ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މިހާރު ހުވަދޫގައި ހުންނެވިއިރު، ކެންޑިޑޭޓާއި ޓީމު އެ އަތޮޅަށް ގޮސްފައިމިވަނީ ފުވައްމަލަށް ސިޓީއަށް ކުރި ކެމްޕޭން ދަތުރަށްފަހުއެވެ.