English Edition
Dhivehi Edition
އެމްއެންޔޫގެ ގްރެޖުއޭޝަނުގައި މަތީ ތައުލީމު ހާސިލް ކުރި ދަރިވަރުންތަކެއް: ފޮޓޯ އެމްއެންޔޫ

ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް މަތީ ތައުލީމުގެ 60 ސްކޮލާޝިޕް ރާއްޖެއަށް ދިނުމަށް ހަންގޭރީގެ ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދު މަތީ ތައުލީމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ހަސަނެވެ. އަދި ހެންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑްގެ ސްޓޭޓް ސެކެޓްރީއެވެ.

މި އެމްއޯޔޫގެ އެއް ބޭނުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް, މަތީ ތައުލީމާބެހޭ ކަންކަމުގައި, ގުޅިގެން މަސައްކަތްކުރުމާއި, ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ. މިއީ ހަތަރު އަހަރުދުވަހުގެ މުއްދަތަށް ސޮއިކުރެވޭ އެމްއޯޔޫއެކެވެ. މި އެމްއޯޔޫގެ ދަށުން, ހަންގޭރީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު 15 ސްކޮލަރޝިޕްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް، މަތީ ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށެވެ. އަދި މި އަހަރަށް ކަނޑައަޅާފައިވާ ސްކޮލާޝިޕްތަކަށް މިމަހުގެ ފަހުކޮޅު ހުޅުވާލާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޮލަރ ޝިޕް ހުޅުވާލާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީއެޗްޑީ އަދި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކެވެ. މި އެމްއޯޔޫގެ ދަށުން މިއަހަރަށް ކަނޑައެޅިފައިވަނީ، ފުރަތަމަ ޑިގްރީގެ 6 ފުރުސަތާއި މާސްޓަރސް ޑިގްރީގެ 7 ފުރުސަތާއި ޕީއެޗްޑީގެ 2 ފުރުސަތެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗަރ ސައިންސް، އާރޓްސް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗަރ ޓްރެއިނިންގ، ސްޕޯޓް ސައިންސް، ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މި ސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުންނެވެ. ދެކޮޅު ޓިކެޓްގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ. މިއަހަރަށް ކަނޑައެޅިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ނޮވެމްބަރު މަހުގެ ފަހުކޮޅު އިޢުލާނުކުރެވޭނެއެވެ.