English Edition
Dhivehi Edition

ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ، ބޭރުގެ ފަސް ޔުނިވާސިޓީއަކާއެކު ސްކޮލާރޝިޕް ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި މިމަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ސްކޮލާރޝިޕްތަކާއި ބެހޭ އެއްބަސްވުންތަކުގައި މިމަހުގެ 15 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރ ސޮއިކުރައްވާނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މިގޮތުން މެލޭޝިއާ ސަރުކާރާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިންވެސް ދިވެހި ދަރިވަރުންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށާއި މީގެ އިތުރުން ސަރުކާރާއެކު ވެވުނު ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުންވެސް ގިނަ ފުރުޞަތުތަކެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

ޑރ. ނަޒީރު އިތުރަށް ވިދާޅުވީ ގޮތުގައި، މިސަރަހައްދުގެ އެހެން ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުންތަށް އެކުލަވާލުމަށް މިހާރުވެސް މަޝްވަރާކުރަމުން ދާ ކަމުގައެވެ.

އެގޮތުން ސަރުކާރުން ދާދިފަހުން ހުޅުވާލި 2050 ސްކޮލަރޝިޕްގެ ފުރުޞަތަށްވެސް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށް ނަޒީރު ހާމަކުރެއްވިއެވެ.