English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ އަކީ މަސްވެރި ރަށެކެވެ. މުޅި އައްޑޫ ސިޓީއަށް ބަލާލި ނަމަވެސް އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑެތި ދޯނިތައް އެންމެ ގިނަ އެއް ރަށަކީ ހުޅުދޫ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހުޅުދޫގެ މަސްވެރިންނަށް މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް ގޮން ޖެހުމަކަށް ވެގެން ދިޔައީ ރަށުގެ ބަނދަރުގެ ހާލަތު ގޯސްވެ އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވަމުން އައި އުދަގޫތަކުގެ ކަންބޮޑުވުންތަކެވެ. އެހެންނަމަވެސް މިއަދު މި ވަނީ އެ ކަންބޮޑުވުންތަކަށް ނިމުމެއް އައިސް ހުޅުދޫގެ މަސްވެރިންގެ އިތުރުން އެ އަވަށުގެ ރައްޔިތުންގެ ގިނަ ދުވަހެއްގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހިފައެވެ.

ސ.ހުޅުދޫއަށް އަރާފައިބާ ބަނދަރަކީ 1980ހައިގެ އަހަރުތަކުގެ ތެރޭގައި ރަށުރައްޔިތުން ނުކުމެ ހަދާފައިވާ ބަނދަރެކެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބަނދަރުކަމުގައިވާ ހުޅުދޫ ބަނދަރު ހެދިފައިވަނީ ޒަމާނުއްސުރެ އެރަށަށް މީހުން އަރާފައިބާ ސަރަހައްދުގައެވެ.މިބަނދަރަކީ ވަރަށް ދުވަސްވީ ބަނދަރެއްކަމުން، މަރާމާތްކުރެވޭ ވަރަށްވުރެ ބޮޑަށް ބަނދަރު ހަލާކުވެ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބަނދަރު ސަރަހައްދުން ރަށަށް ލޮނުގަނޑު އަރާކަމުގެ ޝަކުވާތައް އިތުރުވިއެވެ. 2013 ވަނަ އަހަރުވެސްވަނީ މި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކޮށްފައެވެ.އޭރު ކައުންސިލްގެ ބަޖެޓުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށްފައިވާއިރު މިއީ ބަނދަރުގެ މައްސަލައަށް ލިބިގެން ދިޔަ ވަގުތީ ހައްލެކެވެ.

ހުޅުދޫ ކުރީގެ ބަނދަރު

ހުޅުދޫ ހަލާކުވެފައިވާ ބަނދަރު ރަގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ދިމާކޮށް ގަދަވެގެން ދިޔައިރު ރައްޔިތުން ތިބީ މި ބަނދަރު ހެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޑިޒައިން އެންޑް ބިލްޑިން އުސޫލުން މި މަޝްރޫއު ކުރިއަށް ކުރިއަށް ގެންދިއުމަށް އެމްޓިސީސީ އާއި ހަވާލުކުރީ 01 މާރިޗް 2020 ވަނަ ދުވަހުއެވެ. އެއް އަހަރާއި 10 ދުވަހުގެތެރޭގައި މި މަޝްރޫއު ނިންމުމަށް ހަވާލުކުރި އިރު މި މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާ އެވެ.

ސ.ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސ.ހުޅުދޫގެ މުސްކުޅި ބަނދަރު ވެލިއަޅާފުރާލާ، 6 މީޓަރު ފުޅާ، 306 މީޓަރު ދިގު އައު ބަނދަރެއް ހަމަ އެދިމާލުން، ރަށުގެ ހުޅަނގުފަރާތުން ހެދުމުގެ މަސައްކަތް ފެށިގެން ދިއުން ވީ އެ އަވަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލަކަށެވެ. މީގެ އެއް އަހަރު ކުރިން ފެށި މި މަޝްރޫއުގެ މަސައްކަތް މިހާރު ނިމުމަކަށް އައިސްފައިވާއިރު، ހުޅުދޫގެ އާ ބަނދަރާއެކު އެ ރަށުގެ މަލަމަތިވަނީ މުޅިން ބަދަލުވެފައެވެ.

ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގަި މި ބަނދަރުގައި މެދު ދިޔައިން 3.5 މީޓަރު ހުންނަވަރަށް ފަޅު ފުންކޮށް، މެދު ދިޔައިގައި 4.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ނެރު ފުންކޮށް ހަތަރު ފަރާތުގައި ޖުމްލަ 742 މީޓަރުގެ އެލް ބްލޮކްސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުތެރެއަށް ނިވާވާނެހެން ފަޅުގެ އުތުރުފަރާތުން 13247.820 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާ ނިވާފަޅީގައި އެއްގަމު ތޮށިލައި ބޭރުފަޅިން ވަށައިގެން ބޮޑު ހިލަޖެއްސުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން

  • ފަޅުތެރޭގައި 12 ފައްތިޔާ 20 މީޓަރުގެ ދުރުމިނުގައި ބެހެއްޓުން ،
  • ބަނދަރުގެ އުތުރުން 114މީޓަރުގެ ބޮޑުހިލަފައިކައްޓެއް ޖެހުން ،އަދި އެސަރަހައްދުގެ ހުޅަނގުފަރާތުން ނިވާވާނެހެން ހިއްކަސަރަހައްދުގައި ބޮޑުހިލަޖެއްސުން ،
  • ބަނދަރުގެ ދެކުނު ސަރަހައްދުގެ ހިއްކިބިމުގެ ވަށައިގެން 128 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަޖައްސާ 25މީޓަރުގެ ހިލަފައި ކައްޓެއްލުން,
  • ހާބަރުގެ އިރުމަތީ އެއްގަމުތޮށީ ގެ ހުޅަގުކަނުން 11 މީޓަރުފުޅާ، 11މީޓަރު ދިގު ރޭމްޕެއް ހެދުން
  • ބަނދަރުމަތީގައި ޖުމްލަ 38 މަގުބައްތިޖެހުން
  • ބަނދަރުގެ ހުޅަނގާއި އިރުމަތީ ފަރާތް ގުޅުވަން 9 މީޓަރު ދިގު 4 މީޓަރުގެ ފާލަމެއްލައި އަޑި އޮއިދެމޭނެހެންހެދުން
  • ބަނދަރުގެ ވަށައިގެން ކޮންމެ 20 މީޓަރުން ފެންހިންދާ ކާނުލުން.

މީގެ ތެރެއިން ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މި މަޝްރޫއުގެ މަސައްކަތް އެއްކޮށް އަދި ނިމިފައި ނުވިނަމަވެސް، އެ އަވަށުގެ ރައްޔިތުން ވަނީ މި ބަނދަރުގެ ބޭނުން ކުރަން ފަށާފައެވެ. ހުޅުދޫގެ އާ ބަނދަރާއެކު މަސްވެރިންނާއި ދަތުރުވެރިންނަށް ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާއިރު، އެ ރަށު ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކެއުމާއި ސައި ޕާޓިތައް ބާއްވާފައެވެ. އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނުގައި ކުލަޖައްސައި، އަވަހަށް ބަނދަރުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު މިއީ އެތައް ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބަނދަރެއްކަން ޔަގީނެވެ.