English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖޭގެ ފުރަތަމަ އިގްތިސާދީ ހަބަށް ވެގެން ދާނީ އައްޑޫ ސިޓީކަމަށާއި މިހާރުވެސް އެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިސޯޓް ލައިފަށް 15 އަހަރުން ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ބެއްވި ހަފްލާގައި ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.އަދި އެ މަސައްކަތުގެ ތެރެއިން އުތުރާއި ދެކުނުގެ އިތުރުން، މެދު ތެރޭގައިވެސް ހާއްސަ އިގްތިސޯދީ ހަބްތަކެއް އުފައްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ގޮތުން އައްޑޫ ސިޓީގެ ނަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އައްޑޫގެ އެއާޕޯޓް ރަނގަޅު ކުރުމާއި އައްޑޫގެ ފެނާއި ނަރުދަމާ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ، އަދި މި ކަންތައްތައް ރަނގަޅު ކުރަމުން ދަނީ އައްޑޫގައި އޮތް ޓޫރިޒަމް އިގްތިސާދު ފުޅާކުރުމުގެ މަގްސަދުގައިކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކޮވިޑް19 ގެ ސަބަބުން އައްޑޫ ސިޓީގެ ރިސޯޓްތައް ބަންދުކޮށްފައިވާކަމަށާއި މި ވަގުތު އައްޑޫގެ ޓޫރިޒަމް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން ފައްޔާޒްވަނީ ފާހަގަކުރައްވާފައެވެ. އެއާޕޯޓާއި އިންފްރާސްޓަކްޗާ ރަނގަޅުކޮށްގެން ނޫނީ ފަތުރުވެރިކަން ރަގަޅު ނުވާނެކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އިންފްރާސްޓަކްޗާގެ ރިސްކް ނަގަން ސަރުކާރުން ބޭނުންވާކަމަށެވެ.

އައްޑޫ ސިޓީގައި މި ވަގުތުވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިނގަމުން އަންނަކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ދާކަމަށެވެ. އަދި އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

އަމާޒަކީ މާލެއަށް ބަރޯސާވުން ނައްތާލައި، އިގްތިސާދީ ހަބަކަށް އައްޑޫ ސިޓީ ހެދުން ކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު މީގެ ކުރިން ފައްޔާޒް ވަނީ އައްޑޫގެ ތަރައްގީގެ ހުރިހާ ޕްރޮޖެކްޓުތަކެއް ވެސް ކުރިއަށް ގެންދަނީ އިގްތިސާދީ ނާރެހަކާ ދިމާލަށް ދެވޭނެގޮތަށް ކަން ހާމަކޮށްފައެވެ.