English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ސިއްރު ނުކުރާހާ ހިނދަކު ޖަލްސާތައް ލައިވް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ އެކަމާ މެދު ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބްރޯޑްކޮމް ސަރުކާރުގެ ދަށުވެފައިވާ މިންވަރު ފެނިވަޑައިގަތުމުން ހައިރާންވާ ކަމަށެވެ. އަދި މަޖިލީހަކީ ރައްޔިތުންނަށް ވަގަށް ބާއްވައިގެން ރައްޔިތުންނަށް ވަގަށް ކަންކަން ހިންގަން ޖެހޭ ތަނެއްތޯ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ހިންގާ ޖަލްސާއެއް ބްރޯޑްކާސްޓް ކުރުމުގައި އޮންނާނީ ކޮން ގަވާއިދެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިއްޔެބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ވަނީ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މީގެ އިތުރުން ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވަނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތަކުން ފޮނުވާ “ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭ” ކަމަށެވެ. އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ކަމަށެވެ. އެހެންކަމުން އެ ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ