English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލައް ސިޓީ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވަމުންދަނީ އެ މަޝްރޫއަށް ބޭނުންވާ ފަންނީ ހައްލެއް ނުލިބިގެންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށް ދާގޮތް ސާފުކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ދިދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބަނދަރުން ޖާގަ ހޯދުމަށްޓަކައި އޯޑިދޯނިފަހަރާއި، ބޯޓު ފަހަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާއިރު އެ ސިޓީގެ ބަނދަރު ބޮޑު ކުރުމަކީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ބަޖެޓްގައިވެސް ހިމަނާފައިވާ މަޝްރޫއެކެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާއިރު، ބަޖެޓްގައިވެސް ހިމެނިފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށުން ލަސްވަމުންދާތީ މެމްބަރު ހުސެއިން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ،

އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި މި މަޝްރޫއާއި ބެހޭ ގޮތުން ސުވާލުކުރައްވަމުން މެމްބަރު ހުސެއިން ވަނީ މިމަސައްކަތް ކުރިޔަށް ގޮސްފައިވަނީ ކިހާ ހިސާބަކަށް ތޯ އާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނީ ކިހާ ހިސާބެއްގައި ތޯ ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފުވައްމުލައް ސިޓީގެ ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރު ކުޑަވުންކަމަށެވެ.އަދި މި މައްސަލައާއި ގުޅިގެން ވަރަށް ގިނަ މަޝްވަރާތައްކުރެވިފައިވާ ކަމަށާއި މި މައްސަލަ ހައްލުކުރުމުގައި ފަންނީ ގޮތެއްވެސް އެބައޮތް ކަމަށެވެ. އެހެންނަމަވެސް މައްސަލަ ހައްލުކުރުމަށް އޮތް ފަންނީ ގޮތުގެ މާ ބޮޑު ތަފްސީލެއް މިނިސްޓަރު ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީގެ ބަނދަރު އަޕްގްރޭޑްކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ 2021 ވަނަ އަހަރުގެ ބަޖެޓްގައި 200,000.00 ރުފިޔާ ހިމަނާފައެވެ،