ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ލީކުވި އޯޑިއޯތަކުގެ، އަޑުގެ ތެރެއިން ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން(ޖޭއެސްސީ) ބުނެފިއެެވެ.
ޖޭއެސްސީ އިން ބުނީ ގާޒީ ހުސައިންގެ ފާއިޒް ރަޝާދުގެ އޯޑިއޯ ދިމާވާތީ އެ މައްސަލަ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ.
ޖޭއެސްސީން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތައް ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހަށް ހުށަހެޅުމުން، އެ އޯޑިއޯތަކުގެ އެނަލިސިސް ނަތީޖާ އިއްޔެ ލިބިފައިވާ ކަމަށެވެ. އަދި ގާޒީ ފާއިޒްގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއްކަމަށާއި އެހެންނަމަވެސް އެ އޯޑިއޯ ގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ނިންމާ ތަހުގީގު ކޮމެޓީއެއް އެކުލައިލައިފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ އެ ދެ ގާޒީންގެ އަޑު ނޫން ކަމަށެވެ. އެހެންކަމުން އެ ދެ ގާޒީންގެ މައްޗަށް އުފައްދައިފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް، އެ ދެ ގާޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ،
ޖޭއެސްސީ އިން ވަނީ ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކޮށްފައިވަނީ ސައްހަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެކަން ކުށްވެރިކޮށްފައެވެ.