English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސްކޫލް

އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ސްކޫލުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ އަށް އެޑިއުކޭޝަން މިނިސްޓަރު ކުރައްވާ މި ދަތުރުގައި، އެކަމަނާގެ އަރިހުގައި އެޑިއުކޭޝަންގެ އިސް މުވައްޒަފުންތަކެއް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އިއްޔެ ހާފިޒު އަހުމަދު ސްކޫލުގެ މުވައްޒަފުންނާއެކު އެސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރޭ ފުވައްމުލަކު ސްކޫލުގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ސްކޫލުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވައި، ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އަންނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބޭނެކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރުގެ މި ދަތުރުގައި އިއްޔެ،ހާފިޒު އަހުމަދު ސްކޫލާއި، ފުވައްމުލަކު ސްކޫލުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާއިރު މިއަދު ފުވައްމުލައް ސިޓީގެ ހުރިހާ ސްކޫލްތަކެއްގެ އިސް މުވައްޒަފުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.