English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ ޢަމަލީ މަސައްކަތް، ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައި ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އެންމެ އިސްކަމެއްދެއްވާ ކަމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރުންކަމަށެވެ، އަދި އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދިއުންކަމަށެވެ. އަދި ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ޚިދުމަތްތައް ދޭ ހޮސްޕިޓަލްތަކުގެ ވަޞީލަތްތައް ވަރަށް ބޮޑުތަން މިހާރުވެސް އިތުރުކުރެވިފައިވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ނައިބު ރައީސް ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އެކި ވަޞީލަތްތަކުގެ ދަތިކަން ހުރި މިންވަރު ވަޒަންކޮށް، އެ ހޮސްޕިޓަލަށް މި ވަގުތަށް މި އިތުރުކުރެވޭ ބައިގައި ލެބޯޓްރީގެ ދަތިކަމަށް ހައްލެއް ހޯދުމުގެ އިތުރުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތާ ސްޕެޝަލް ނީޑް ކުދިންނަށް ބޭނުންވާ ސްޕީޗް ތެރަޕީ ދިނުމަށް ޚާއްޞަ ބައެއް ހިމެނޭނެ ކަމުގައެވެ