ފުވައްމުލައް ސިޓީގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ ކަންކަން ކަމުގައި ވެގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
ނައިބު ރައީސް މިހެން ވިދާޅުވީ އައްޑޫ އަދި ފުވައްމުލައް ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ފުވައްމުލައް ސިޓީގެ ތަރައްޤީގެ އެންމެހާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ. މިބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކައުންސިލުން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ސާފުކުރަން ބޭނުންވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްޤީކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ،
މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޕަވަރ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާއެކު މޫދަށް ދެވޭނެގޮތެއް ނެތުމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައިއޮތުން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ
މީގެ އިތުރުން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ޚިދުމަތްތަކާބެހޭ ގޮތުން މަޝްވަރާކޮށްފައިވާއިރު ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މިއަދު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެންހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާނަމަ އެކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް އެ އިދާރާތަކާއި ގުޅިގެން ކުރިޔަށްގެންދަވާނެ ކަމުގައި ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.