English Edition
Dhivehi Edition
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފެއްޓެވި އައު ދިރާސީ އަހަރުގެ މުނާސަބަތުގައި ދަރިވަރުންނަށް ތަހުނިޔާ ފޮނުއްވުމަށް ހާއްސަ މެސެޖެއް ހިއްސާކުރައްވައިފި އެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ އާ އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކޮށް، ކުރިއެރުން ހޯދުމަށް ދަރިވަރުންނަށް ބާރުއަޅުއްވައި ހިތްވަރުދެއްވާފަ އެވެ.

ކޮންމެ ދަރިވަރަކީ ވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާކުރުމަކީ މުދައްރިސުންނާއި ބެލެނިވެރިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ސްކޫލާއި، ދިރިއުޅޭ ވެށި އަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާ ވަރަށް ގުޅުން ބޮޑު ދެ މުހިންމު މާހައުލު ކަމަށްވެފައި، މި ދެ މާހައުލުގެ ތެރެއިން ދަރިވަރުން ބިނާކުރުމަށް އިތުރު ސަމާލުކަން ދޭންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މިދިރާސީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް ހުރިހާ ގޮތަކުން ވެސް ފާގަތި، ބަރަކާތްތެރި އަހަރަކަށް ﷲ މާތްﷲ ލައްވައިދެއްވުން އެދި ދުޢާ ކުރައްވާ ކަމުގައި ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ތަރައްޤީ ލިބިފައިވާ ގައުމުތަކުގެ ކުރިއެރުމަށް ތައުލީމީ ދާއިރާ އަކީ މުހިންމު އަސާސެއް ކަމުން، މިއަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިން، މުދައްރިސުން އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ދިރާސީ އަހަރު މިއަދު ވަނީ ޖުމްލަ 217 ސްކޫލެއްގެ 96،000 އަށް ވުރެ ގިނަ ދަރިވަރުންގެ ބައިވެރިވުމާއެކު ފައްޓަވާފަ އެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި މިއަދު ކިޔެވުން ފަށާފައިވާއިރު، މިއީ ކޮވިޑަށް ފަހު ކިޔެވުން ފަށާ ފުރަތަމަ އަހަރު ކަން ފާހަގަ ކޮށްލެވެ އެވެ.