English Edition
Dhivehi Edition

ފުވައްމުލައް ހޮސްޕިޓަލާއި ގުޅުން ހުރި ކުޑައިރުގެ ހަނދާން ތަކެއް ތިލަ ކޮށްލާނަމެވެ. އޭރު ފުވައްމުލަކުގައި ހުރީ ސިއްހީ މަރުކަޒެކެވެ. ޖާގައިގެ ގޮތުން މާ އެކަށޭނެ ތަނެއް ނޫނެވެ. ސިއްހީ މަރުކަޒެއް ކަމުން ލިބެން ހުރި ހިދުމަތްތައްވެސް އެންމެ ރަނގަޅެކޭ ނުބުނެވޭނެއެވެ. މަސައްކަތް ކުރަމުން އައީ މަދު ޑޮކްޓަރުން ކޮޅެކެވެ. ނަރުހުންގެ އަދަދުވެސް ނިސްބަތުން މަދެވެ.

އޭރުގެ ހަނދާންތަކުން އެންމެ ހަނދާން ހުންނަ އެއް ކަމަކީ އެތަނުގައި ހުންނަ ފޮތް ހަރުގަނޑެވެ. ތަފާތު އެކި ކަހަލަ ސިއްހަތާއި ގުޅުން ހުރި ފޮތްތަކާއި ލީފްލެޓްތަކުން އެ ހަރުގަނޑު އަބަދުވެސް ހުންނަނީ ފުރާލެވިފައެވެ. އޭރު ޓެކްނޮލޮޖީގެ ގޮތުން މިހާރެކޭ އެއްފަދައިން ކުރިއެރުމެއް އައިސްފައި ނުވުމުން ބަލި މީހުންގެ ރެކޯޑުތައް ބެލެހެއްޓުމަށް ކޮންމެ ބަލި މީހަކަށް ހާއްސަ ކުރެވިފައިވާ ފައިލެއް އޮވެއެވެ. އަޅުގަނޑުގެ ފައިލުގެ ކުލައަކީ ނޫކުލައެވެ. ޑޮކްޓަރަށް ދައްކަން އައިސް ކައުންޓަރުގައި ބުނުމުން އޭރު ދޭނީ ނަމްބަރެއް ޖަހާފައިވާ ކުޑަ ކަރުދާސް ކޮޅެކެވެ. އެއީ ކިއު ނަމްބަރެވެ. ޑޮކްޓަރުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުންނަ ވަގުތު ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ފައިލް ހިފައިގެން އައިސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނުމުން ދެން މާ ގިނަ އިރު ތަކެއް ނުވެ ދޮރު ހުޅުވާލައިފައި އަޅުގަނޑުގެ ނަމްބަރު ގޮވާނެކަން ޔަގީންވެއެވެ.

ނަމްބަރަށް ގޮވާލުމުން ކޮންމެ ސަބަބަކާއި ހެދި ޑޮކްޓަރަށް ދައްކަން ދިޔަ ކަމުގައިވިޔަސް އޭރު ލޭގެ ޕްރެޝަރު ޑޮކްޓަރު ބަލާނެއެވެ. ބަރުދަން ވެސް ބަލައެވެ. ފަހަރުގައި ކުޑަކުއްޖަކަށް ވުމުން ބޭސް ދިނުމުގެ ޑޯޒް ކަނޑައެޅުމަށް ބަރުދަން ބަލަނީއެވެ. ޑޮކްޓަރު ފުރަތަމަ އަބަދުވެސް ލިޔާނީ ފައިލުގައި އޮންނަ ކަރުދާހުގައެވެ. ބައެއް ފަހަރު ލިޔާނެ އިތުރު ޖާގައެއް ނެތުމުން ކަރުދާސް ބަލާ ތަރުޖަމާކޮށްދޭން ހުންނަ މުވައްޒަފު ކޮޓަރިން ބޭރަށް ނިކުމެގެންދެއެވެ. އެފަދަ ފަހަރުތަކުގައި މިމީހުން އަސްލުވެސް ހަމަ ފައިލު ގެނައުމުގެ ކުރިން ރަނގަޅަށް އެ ބަލާނުލަނީތޯ ހިތާ ހިތާ ސުވާލުކޮށްލެވެއެވެ. ޑޮކްޓަރު ބޭސް ސިޓީ ލިޔުމަށްފަހު ވަރަށް ރަނގަޅަށް ބޭސް ސިޓީގައިވާ ބޭސްތައް ކިޔާދެއެވެ. ކީއްކުރަން ދޭ ބޭހެއް ކަމާއި ބޭސް ބޭނުން ކުރާނެ ގޮތް ކިޔާދެއެވެ. އެ އާދަކާދަ މިހާރުވެސް ކޮންމެވެސް ވަރަކަށް ފެންނަން ހުރި ކަމުގައިވީ ނަމަވެސް މިހާރު ޑޮކްޓަރުން މާ އަވަސް އަރުވާލާފައި އުޅެނީ އޭ ބުނެ ގިނަ ފާޑުކިޔުންތަކެއް ޑޮކްޓަރުންނަށް އަމާޒުވެފައެވެ.

އަޅުގަނޑަކީވެސް ފުވައްމުލައް ހޮސްޕިޓަލާއި ގުޅުން ހުރި ގިނަ ކަންތަކެއް ކުޑަ އިރުގައި ތަޖުރިބާ ކުރި މީހަކީމެވެ. މި ލިޔުމުގައި އެއިން ބައެއް ކަންތައް ހިއްސާ ކޮށްލާނަމެވެ. އެއީ އަޅުގަނޑުގެ ކޮއްކޮގެ އުމުރުން ވަރަށް ހަގު އިރެވެ. ބައިސްކަލުގެ ޗޭނުގައި އަތުގެ އިނގިއްޔެއް ތާށިވެ ބޮޑު ޒަހަމެއްވިއެވެ. ފުވައްމުލައް ސިއްހީ މަރުކަޒަށް ގެންދިއުމުން ވަގުތުން އައްޑޫ އަށް ފުރަން އެނގިއެވެ. ނަމަވެސް ދުވަސްވަރުގެ ގޮތުން އާދަޔާހިލާފަށް ވިއްސާރަވުމުގެ ސަބަބުން އާއިލާއިން އެކަމަށް ދެކޮޅުހެދިއެވެ. އައްޑޫ އަށް ފުރުވާލަން އުޅުނީ ކީއްވެތޯ އޭރު ސުވާލު ކުރުމުން ޑޮކްޓަރުން ވިދާޅުވީ އިނގިލި ސަލާމަތް ނުކުރެވޭނެ ކަން ޔަގީންވާތީ އިނގިލީގެ ވަކި ހިސާބަކުން ބުރިކޮށްލަން ކަމަށެވެ. އެ ފަރުވާ ކޮއްކޮއަށް ލިބި ރަނގަޅުވެގެން ދިޔައީ ހަމަ ފުވައްމުލައް ސިއްހީ މަރުކަޒުންނެވެ. އެ ދޭން އުޅުނު ފަރުވާ ހަމަ ފުވައްމުލައް ސިއްހީ މަރުކަޒުންވެސް އޭރު ލިބުނެވެ. ގަދަ ވަޔާއި ވިއްސާރައިގައި ވޭނުގައި ވި ކުޑަ ކުއްޖެއް ގޮވައިގެން ނުފުރުނުކަން ނަސީބުތާއެވެ.

އެއީ އަޅުގަނޑު ގްރޭޑް އަށެއްގައި ކިޔަވަމުން ދަނިކޮށްނެވެ. މަންމަ މާމަ ގޮވައިގެން ސިއްހީ މަރުކަޒަށް ކުރި ދަތުރެއްގައިި އެ މަރުކަޒުގެ ދޮރުމަތިން ނުރައްކާތެރި އެކްސިޑެންޓެއްވިއެވެ. ވަގުތުން މަރުކަޒުގެ އެތެރެއަށް ވައްދައި މާ ގިނަ އިރުތަކެއް ނުވެ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއެވެ. ގެއްލުން ލިބިފައިހުރީ ފައިގެ ފުންނާބަށާއި ފައި ތިލައަށެވެ. އޮޕަރޭޝަނަށްފަހު ޑޮކްޓަރު ވިދާޅުވީ އޮޕަރޭޝަން ފެއްޓި ފަހުން ވެފައިހުރި ގެއްލުން އަސްލު އެނގުނު ކަމަށާއި އެކަން ކުރިން އެނގުނު ނަމަ އައްޑޫ އަށް ފުރުވާލާނެ ކަމަށެވެ. ވިސްނާށެވެ. އެފަހަރު މަންމަ ވެސް ފަރުވާކޮށް އެއްކޮށް އެ އަނިޔާއިން ސަލާމަތްވީ ހަމަ ފުވައްމުލައް ސިއްހީ މަރުކަޒުންނެވެ.

މި ލިޔުމުގެ ކުރީ ބައިގައި މި ގެނެސްދިނީ މައިގަނޑު ބޮޑު 2 އަނިޔާއެއް ލިބިގެން ފުވައްމުލައް ސިއްހީ މަރުކަޒުން އެމީހުންނަށް ފަރުވާ ދިނުމުގައި ބެހެއްޓި ފަރުވާތެރިކަމާއި އަޅާލުމުގެ ސަބަބުން ރަނގަޅުވި ވާހަކައެވެ. ފުވައްމުލައް ހޮސްޕިޓަލުން ހިދުމަތް ހޯދާ ގިނަ ބަޔަކު މިއަދު އެ ހިދުމަތް އެ ގޮތުގައި ފުވައްމުލައް ހޮސްޕިޓަލުން ލިބޭނެ ކަމާއި މެދު ޝައްކު ކުރެއެވެ. ހިދުމަތް ލިބުނު ކަމުގައި ވީ ނަމަވެސް އެންމެ ބޭނުންވާ ފަރުވާތެރިކަމާއި، އަޅާލުމާއި އެހީތެރިކަން ލިބިދާނެ ކަމާއި މެދު ޝައްކު ކުރެއެވެ.

ދާދި ފަހުން ރައްޓެއްސަކަށް ދިމާވި ކަމެއް ހިއްސާ ކޮށްލާނަމެވެ. ފުވައްމުލަކަކީ ސްކޫލް ބަންދުތަކާއި އީދު ބަންދުތައް ފަދަ ޗުއްޓީތަކަށް ގިނަ ދިވެހިންވެސް ދަތުރު ކުރަމުން އަންނަ ރަށެކެވެ. ޗުއްޓީ އަށް އަންނަނަން ހުރިހާ ކަމެއް ތައްޔާރު ކުރުމަށްފަހު އޭނާ ފުވައްމުލައް ހޮސްޕިޓަލަށް ގުޅީ އޭނާ އަކީ ޑައަލސިސް ހަދަން ޖެހޭ މީހެއް ކަމުން ފުވައްމުލަކުން އެ ހިދުމަތް ލިބޭތޯ ބެލުމަށެވެ. ލިބުނު ޖަވާބުން ފުވައްމުލައް ހޮސްޕިޓަލަކީ ހާދަހާ ތަފާތު ކުރުން ގެންގުޅޭ ބަޔެކޭ އޭނާ ހިތައް އެރިކަމަށް އޭނާ ބުންޏެވެ. ޖަވާބަކަށް ލިބުނީ ޑައަލިސިސް ހެދެނީ ހަމަ އެކަނި ފުވައްމުލަކުގައި ދިރިއުޅޭ ފުވައްމުލަކުގެ ރައްޔިތުންނަށް ކަމުގައި އޭނާ ބުންޏެވެ. އަޖައިބު ނުވާނެތޯއެވެ. ފުވައްމުލަކުގެ ރައްޔިތުން މަސައްކަތް ކުރަނީ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށެވެ. ނަމަވެސް ސިއްހީ ނިޒާމު އޮތީ ހަމައެކަނި ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކުރެވިފައޭ ހިތައް އަރައެވެ. ފަހަރުގައި އެކަށޭނެ މިންވަރަށް ވަސީލަތްތަކާއި މުވައްޒަފުން ނެތީ ކަމުގައި ވެދާނެއެވެ.

މީގެ ދެ އަަހަރު ކުރިން އެ ހޮސްޕިޓަލުން ފަރުވާކޮށް ރަނގަޅު ކުރި މައްސަލަ ތަކުގައި މިއަދު ބަލިމީހުން ހޮސްޕިޓަލަށް ދިޔުމުން ފުރުވާލަނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އައްޑޫ އަށެވެ. ބައެއް ފުވައްމުލަކު ރައްޔިތުން ފާހަގަކުރާ ގޮތުގައި ފުވައްމުލައް ހޮސްޕިޓަލަކީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގެ ޓްރައޭޖް ޔުނިޓެކެވެ. ފުވައްމުލަކުގައި ގާއިމު ކުރެވިފައިވަނީ އެ ހޮސްޕިޓަލުގެ ގްރީން ޒޯންއެވެ. ކުދި ކުދި މައްސަލަ ތަކުގައި ފަރުވާ ދިނުމަށެވެ.

އެމްބިއުލާންސުގައި ސައިރަން އާއި އެކު ބަލިމީހާ ގެނެވޭ އިރު ގިނަ ފަހަރު ނަރުހުން ތިބެނީ ނަރުހުންގެ ޖަގަހައިގައި އިށީނދެގެން ކަމަށް ގިނަ ބައެއް ފާހަގަކުރެއެވެ. ޑޮކްޓަރު ހާޒިރު ވުމަށް ވަގުތު ނަގާ ކަމަށް ގިނަ ބަޔަކު ބުނާތީ އަހަމެވެ. ފުވައްމުލަކުގެ ހޮސްޕިޓަލަށް އެތަނުން ހިދުމަތް ހޯދާ ރައްޔިތުން އިނގިލި ދިއްކުރަނީ ހަމައެކަނި އިހުމާލުގެ މައްސަލަ ތަކުގެ ސަބަބުންނެއް ނޫނެވެ. ތަނުގެ ސަގާފަތާއި އާދަކާދަ ބިނާފެފައިވާ ގޮތުން އެކަމާއި މެދުވެސް ފާޑުކިޔާ ގިނަ ބައެއް އުޅެއެވެ. ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފަރާތުން ބަލިމީހާގެ ބައްޔާއި މެދު އެންމެ އެކަށޭނެ މައުލޫމާތު ނުލިބޭ ކަމީ އެންމެ ގިނަ ބަޔަކު އެއްބަސްވާ އެއްކަމެވެ. ބައްޔާ ބެހޭ އެކަށޭނެ މައުލޫމާތު ނުލިބުމުން އެކަމާ ކަންބޮޑުވާ ގިނަ ބައެއް އެތަނުން ހިދުމަތް ހޯދައެވެ. މީގެ އިތުރުން ތަނުގެ ބައެއް މުވައްޒަފުންގެ ކިބައިން އޯގާތެރިކަމާއި އަޅާލުމުގެ ބަދަލުގައި ކިބުރުވެރިކަމާއި ބޮޑާކަން ފެންނަ ކަމަށްވެސް ގިނަ ބައެއް ގަބޫލުކުރެއެވެ.

ގިނަ ޑޮކްޓަރުންނާއި ނަރުހުން އަލަށް ވަޒީފާއަށް ނިކުންނަ ދުވަސްވަރު ވަރަށް އޯގާތެރިކަމާއި އަޅާލުމާއި އެކު ފަރުވާ ލިބޭ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެހެން ނަމަވެސް އަހިވަކަކާއި ޖެހި އަހިވަކެއް ހަލާކުވާ ފަދައިން ތަނުގެ އާދަކާދަޔާއި ސަގާފަތް ގިނަ އެފަދަ މުވައްޒަފެއްގެ މައްޗަށް ކުރި ހޯދާކަމަށް ބުނެއެވެ. ފުވައްމުލަކުގެ ގިނަ ރައްޔިތެއް ފާހަގަ ކުރާ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން އެމީހުންގެ އާއިލާ އަދި ގާތް މީހުން ބަލިވުމުން ފުރައިގެން ގޮސް އައްޑޫ ނުވަތަ މާލޭގެ ހޮސްޕިޓަލަކަށް ދައްްކާ ފަރުވާ ހޯދުމަކީ އެ ތަނާއި މެދު މުވައްޒަފުންގެ މެދުގައިވެސް އިތުބާރު ނޯންނަ ކަމުގެ އަލިގަދަ ހެއްކެކެވެ.

ހޮސްޕިޓަލަކީ އެއްވެސް މީހަކު ދާހިތްވާނެ އަދި ދާން ބޭނުން ނުވެ ވަގުތު ދުއްވާލުމަށް ދާނެ ތަނެއް ނޫނެވެ. ދާން ޖެހުމުން ދިއުމަށް މަޖުބޫރުވެއެވެ. މި ލިޔުމުގައި މި ފާހަގަކޮށްލީ ފުވައްމުލައް ހޮސްޕިޓަލާއި މެދު މީހުން ނުރުހުންވާ ވަރަށް މަދު ސަބަބުތަކެކެވެ. ތިބޭފުޅުން ވިސްނަވާށެވެ. ހޮސްޕިޓަލަށް ދާން މަޖުބޫރުވި ކަމުގައިވީ ނަމަވެސް މިފަދައިން ކަންތައް ހިނގާ ތަނަކަށް ދާން ކޮންމެ މީހަކުވެސް ޖެހިލުންވާނެ ނޫންތޯއެވެ؟

މި ލިޔުން އަޅުގަނޑު ލިޔަމުން ދިޔަ ވަގުތު ކައިރީގައި މި ލިޔުން ކިޔަމުން ދިޔަ އެކުވެރިއެއް އަޅުގަނޑާއި ސުވާލުކުރިއެވެ. ތި ލިޔުން ލިޔުމަށް ފަހު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާން ޖެހިލުން ނުވާނެތޯއެވެ؟ ފާޑު ކިޔުމާއި ނުރުހުން ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން އަމާޒު ވެދާނެތީ ކަންބޮޑު ނުވޭތޯއެވެ؟ އެ އެކުވެރިޔާ އެފަދައިން ސުވާލުކުރުމުގެ ފަހަތުގައިވެސް ސަބަބުތަކެއް ވާނެއެވެ. އެހެން ނަމަވެސް ހޮސްޕިޓަލާއި މެދު އިތުރު ބަދު ވާހަކަ ތަކެއް އަޑު އަހަން ބޭނުން ނުވާތީ އަޅުގަނޑު އެ ސުވާލުތަކަށް ފަރުވާލެއް ނުދެމެވެ. އެހެނީ އެ ހޮސްޕިޓަލުގައި މިހާރުވެސް ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިގެންވާ އެތައް މުވައްޒަފެއް މިހާރުވެސް މަސައްކަތް ކުރެއެވެ.

 

އެޑިޓަރުގެ ނޯޓު: މި ލިޔުމުގެ މަގުސަދަކީ އެއްވެސް ހާލެއްގައި ފުވައްމުލައް ހޮސްޕިޓަލުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމެއް ނޫނެވެ. އެހެން ނަމަވެސް އިންސާނުންގެ ދިރިހުރުމާއި ދުޅަހެޔޮކަމާއި ގުޅިފައިވާ އިދާރާއަކުން ދެމުންގެންދާ ހިދުމަތް ތަކުގެ ފެންވަރު ކޮންމެވެސް މިންވަރަކަށް ކިޔުންތެރިންނަށް ތިލަ ކޮށްދިނުމެވެ. އުއްމީދަކީ ފުވައްމުލައް ހޮސްޕިޓަލުގެ ފެންވަރާއި ލިބެން ހުރި ހިދުމަތްތައް މިއަދަށް ވުރެން ފަހިވެ ކުރިއަރައިގެން ދިއުމެވެ.