English Edition
Dhivehi Edition

ﷲގެ އިރާދަފުޅާއި ހިތްވަރާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމީ އަޅުގަނޑަށް ކަށަވަރު ކަމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗްގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމުމުން ޓީމަށް ހިތްވަރުދެއްވާ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ޓީމަށް ހިތްވަރު ދެއްވާ ނާކާމިޔާބީގައި ހިތްވަރު ގަދަކުރެއްވުމަށް އެދިވަޑައިގެންފައެވެ.

“ﷲގެ އިރާދަފުޅާއި ހިތްވަރާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމީ އަޅުގަނޑަށް ކަށަވަރު ކަމެއް.” ޓްވީޓުގައި ނަޝީދު ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ “އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ގައި ރޭ ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ވަނީ ހޯދާފައެވެ.

މި މޮޅާއެކު މި މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނޭޕާލެވެ. ނޭޕާލުން ފައިނަލުގެ ޖާގައެއް ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްއާ އެއްވަރުކޮށްގެންނެވެ. އެއާއެކު މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗާއި ގުޅޭ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރާއްޖެ އިން އިންޑިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވެފައި ވަނިކޮށް ރޭ ރާއްޖެ ބަލިވުމުން ބައެއް މީހުން އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.