English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

ހުވަދުއަތޮޅުގެ 05 ރަށެއްގައި ޓޮޕޮގްރަފިކް ސަރވޭކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫއުއަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާންކޮށްފައިވާ ގޮތުގައި ޓޮޕޮގްރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ހުވަދު އަތޮޅުގެ 05 ރަށަކީ ގދ. ނަޑެއްލާ، ގދ. ފިޔޯރީ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ އަދި ގއ. ދެއްވަދޫއެވެ.

މީގެ އިތުރުން އިތުރު 382 ރަށެއްގައި ވެސް މި މަސައްކަތް ކޮށްދޭނެ ކޮންސަލްޓަންޓުން ހޯދުމަށް ކޮށްފައިވާ އިއުލާނުގައި އެ ރަށްތައް ބަހާލާފައި ވަނީ 07 ޕެކޭޖްއަކަށެވެ. ހުވަދު އަތޮޅުގެ 05 ރަށުގެ އިތުރުން ލާމު އަތޮޅުގެ 03 ރަށެއް ހިމެނިފައި ވަނީ ޕެކޭޖް 07 ގައެވެ. މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނޮވެމްބަރު 01 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއް ޕެކޭޖްއަށް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ސަރުކާރުން ފުރަތަމަ ގެޒެޓް ކުރީ މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ގައެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.