English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ދަނީ އުމުރަކީ ހަމައެކަނި ‘ ނަންބަރެއްކަން’ ސާބިތުކޮށްދީ އުމުރުން 79 އަހަރުގައިވެސް އޭނާގެ ކުޅަދާނެ ހުނަރުތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.

މިހާރުވެސް ބޮލީވުޑްގެ އެންމެ ‘ބިޒީ’ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބް އަންނަނީ މަޝްހޫރު ރިއަލެޓީ ޝޯ ކޯން ބަނެގާ ކްރޯރްޕަތީ (ކޭބީސީ)13 ހުށަހަޅައިދެމުންނެވެ. އޭނަގެ އުމުރުގެ ގިނަ ތަރިން ފިލްމީ މަސައްކަތްތައް ހުއްޓާލާފައިވާއިރު އަމީތާބްގެ ފަރާތުން މިކަހަލަ އެއްވެސް އިޝާރާތެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އެންމެ ފަހުން މަޝްހޫރު ސްކްރިޕްޓް ލިޔުންތެރިޔާ ސަލީމް ޙާން ވަނީ އަމީތާބް އާއި ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް މީޑިއާގައި ހިއްސާކޮށްފައެވެ.

އަމީތާބް އާއި އެކު ޒަންޖީރް، ޝޯލޭ، އަދި ޑޯން ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސަލީމް ވަނީ ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި އަމީތާބް އާއި ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. މި ގޮތުން ސަލީމް ބުނީ ދިރިއުޅުމުގައި އަމީތާބްއަށް ހުރިހާކަމެއް ހާސިލުކުރެވިއްޖެކަމަށާއި، ދެން ބާކީ އޮތް ދުވަސްތަކުގައި މަސައްކަތް ހުއްޓާލުމަށްފަހު އޭނާގެ އަމިއްލަ ނަފްސަށްވެސް ވަގުތު ދޭންޖެހޭކަމަށެވެ. އަމީތާބް އަކީ ކުޅަދާނެ ކާމިޔާބު އެކްޓަރެއްކަން ފާހަގަކުރަމުން ސަލީމް ބުނީ މިއީ އޭނާ ފިލްމީ ރޭހުން ދުރަށް ޖެހިލަންވީ ވަގުތުކަމަށެވެ. މީގެ އިތުރުން ސަލީމް ބުނީ މިހާރު އަމީތާބް އަށް އެކަށީގެންވާ ސްކްރިޕްޓެއްވެސް ނެތްކަމަށެވެ.