ވިލާ އެއާގެ ފްލައިމީން ރާއްޖޭގެ އިތުރު އެއާޕޯޓްތަކަށް އަލުން ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފްލައިމީގެ 6 ވަނަ އަހަރީ ދުވަހާ ދިމާކޮށް އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލާ އެއާގައި އޭޓީއާރްގެ ތިން މަތިންދާ ބޯޓާއި ސެސްނާ ކެރެވަން ބޯޓާއެކު 191 ޕެސެންޖަރުންގެ ކެޕާސިޓީގެ ގާބިލުކަން ހިމެނޭ ކަމަށާއި މިދިއަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.5 މިލިއަން ފަސެންޖަރުން އުފުލާފައިވާ ކަމަށެވެ.
2011 ވަނަ އަހަރުގެ އޮކްޓޯބަރ 1 ގައި ވިލާއިން ފެށި ފްލައިމީގެ ޚިދުމަތަށް މިހާރު 6 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކާމިޔާބު ކަމާއެކު އެ ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
2015 ވަނަ އަހަރު ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ހުއްޓާލާފައިވަނިކޮށް އަލުން އެއާލައިނުން ކުރިއެކޭ އެއްގޮތަށް އައްޑޫސިޓީއާއި ފުވައްމުލަކަށް ދަތުރުތައް މިއަހަރުގެ ޖޫން މަހުގައި ވެސް ފެށުމަށް އެ އެއާލައިނުން ތައްޔާރުވިއެވެ. ނަމަވެސް ކުރަން ޖެހޭ ބައެއް ތައްޔާރިތައް ނުނިމި ހުރިކަމަށް ބުނެ ދަތުރުތައް ފެށުން ވަނީ މަޑު ޖައްސާލާފައެވެ. ދެކުނުގެ މަންޒިލްތަކަށް އަލުން ވިލާއެއާ ގެ ދަތުރުތައް ފަށަން ނިންމާ އެ އެއާލައިނުން ވަނީ ގަމުގެ އޮޕަރޭޝަނަށް މުވައްޒަފުން ނެގުމަށްވެސް އޭރު ކޮށްފައެވެ. މިއާއެކު ދެކުނުގެ ދަތުރުތަކަށް ޚާއްޞަކޮށްގެން މިއަހަރުގެ މެއި މަހުގެ ތެރޭގައި އެ އެއާލައިނަށް 52 ސީޓުގެ އާ ބޯޓެއް ވެސް ވަނީ ގެނެސްފައެވެ.