English Edition
Dhivehi Edition

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ އެކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ބޮޑުވުމުން ކަމަށެވެ.

އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުތަކުން ދެން ޕެޓުރޯލު ލީޓަރެއް ވިއްކާނެ އަގަކީ 11.16 ރުފިޔާ ކަމަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 11.84 ރުފިޔާ ކަމަށެވެ. މީގެ ކުރިން ޕެޓުރޯލު ލީޓަރެއް ވިއްކާފައިވަނީ 10.75 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 10.95 ރުފިޔާއަށެވެ.

މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ. ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 83.65 ޑޮލަރަށް އަރާފައެވެ. އެންމެ ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް ވުރެ މަތިވީ 2018ގެ އޮކްޓޫބަރު މަހުގައެވެ.

ތެލުގެ އަގު މައްޗަށް އަރަން ފެށީ، ތެޔޮ އުފައްދާ ގައުމުތަކުން ޕެންޑެމިކްގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި ވަނިކޮށް، ޕެންޑެމިކްއަށް ފަހު އިގްތިސާދު އިޔާދަވާން ފެށުމާއެކު ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާން ފެށުމުންނެވެ.