English Edition
Dhivehi Edition
އެސްޓިއޯގެ ތެޔޮ އުފުލާ ބާޖެއް

ރާއްޖެއަށް ބޭނުންވާ ވަރަށް މިވަގުތު ތެޔޮ ރައްކާކުރެވިފައި އެބަހުރި ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާއަށް ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ. އެސްޓީއޯގެ އޮފިޝަލަކު އޮންލައިން ނޫސް “ވަގުތަށް” މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތެލުގެ އާ ޝިޕްމަންޓްތައް އަންނަ ހަފްތާގެ ތެރޭގައި ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ 20 އަދި 23 ވަނަ ދުވަހު ތެލުގެ އާ ޝިޕްމަންޓްތައް ރާއްޖެއަށް އަންނާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޕެޓްރޯލާއި ޑީސަލްގެ އިތުރުން ފިއުލް އޮއިލް އަދި ޖެޓް ފިއުލްގެ އަގު ވަނީ 100 ޕަސެންޓަށް އުފުލިފައެވެ. ނަމަވެސް، އެސްޓީއޯއިން މިވަގުތު އާންމުންނަށް ތެޔޮ ފޯރުކޮށްދެމުން ދަނީ ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކަމުންދާއިރު، ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 17.54 ރުފިޔާއަށެވެ.

ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެތީ އެކަމަށް ހައްލު ހޯދުމަށް ސަރުކާރުންވެސް ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެކުރާ މެދުއިރުމަތީގެ މަގުތައް ބަންދުވެފައި އޮތުމުން، ކައިރި އެހެން ގައުމުތަކުން ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.