މާލެއާ އަޅާ ބަލާއިރު އަތޮޅު ތެރޭގައި ކަރަންޓްގެ ޚިދުމަތް ދޭ އަގު ބޮޑުވެފައިވާ މައްސަލާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި މައްސަލައަށް ހުޅުދޫ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު ) ވެސް ތާއީދު ކުރައްވައިފިއެވެ.
ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދާއި އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ރޮޒޭނާގެ މައްސަލައަށް ތާއިދުކޮށް ވަނީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައެވެ.
މިމައްސަލާގައި ބައެއް މެމްބަރުންވަނީ މާލެއާއި އަޅާ ބަލާއިރު އަތޮޅުތެރޭގެ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދުމަތް އިންތިހާއަށް އަގު ބޮޑުކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ގެސްޓް ހައުސްތަކަށް ހިދުމަތް ދެނީވެސް ލަގްޒަރީ ރިސޯޓްތަކެކޭ އެއް ވަރެއްގައި ކަމަށާއި ބައެއް ރަށްރަށުގެ ތިން ހަތަރު ކޮޓަރީގެ ކުދި ގެސްޓްހައުސް ތަކާއި ފެންބިލާއި ކަރަންޓް ބިލް އަންނަ އިރު ހިހި ބާވީސް ހާސް ރުފިޔާ އަރާކަމަށް ބައެއް މެމްބަރުންވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އިދިކޮޅު މަޖިލިސް މެންބަރުންނާާއި ސަރުކާރަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުން އިއްތިފާގުވެ، ކަމާބެހޭ މުއައްސަސާގެ އިސްވެރިން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.
މާލެ އާއި އަތޮޅު ކަރަންޓުގެ އަގުގެ ފަރަގު ބޮޑުވާ މައްސަލާގައި ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޒުހޫރާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފްގެ އިތުރުން އެންވައިރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.