English Edition
Dhivehi Edition
ކޮނޑޭގައި ބިނާކުރާ މިސްކިތުގެ ފަރުމާ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގއ. ކޮނޑޭގައި ތަފާތު ފަރުމާއަކަށް ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކޮނޑޭ މިސްކިތް މަޝްރޫއު ބަޔަކާއި ހަވާލުކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

365 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މިސްކިތަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ ޢަލިމަނިކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮނޑޭގައި އިމާރާތްކުރާ މިސްކިތަކީ އެހެން މިސްކިތްތަކާއި ހިލާފަށް ޒަމާނީ ފެންވަރަށް ތަރައްގީކުރާ މިސްކިތެއް ކަމަށެވެ. އެގޮތުން އާންމުގޮތެއްގައި ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މި މިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އާބާދީގައި 600 މީހުން ދިރިއުޅޭ ކޮނޑޭގައި ތަރައްގީކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.